އަލީ ޔާމިން
ކޯވިޑް19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައި ވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ގަސްދު ނުކުރައްވާ ކަމަށާއި ސަރުކާރުން މަސައްކަތް މިކުރަނީ ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް މެދުކަނޑާނުލައި ކުރިއަށް ގެންދަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19 އާ ގުޅިގެން މިއަދު ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް ސަރުކާރުން މިހާރު އަޅަން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން ހިންގާ ޕީއެސްއައިޕީގައި ނުހިމެނޭ ހަރަދުތައް ކުޑަކުރަން ނިންމައި، ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި އެފަދަ ބައެއް ހަރަދުތައް މިވަގުތަށް ކުޑަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިވަގުތު އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ކޮވިޑް 19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައި ވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ގަސްދު ނުކުރާ ވާހަކަ. އަދި ސަރުކާރުން މަސައްކަތް މިކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް މެދުކަނޑާނުލައި ކުރިއަށްގެންދަން،" ރައީސް ވިދާޅުވިއެވެ.
ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ލިބެމުންދާ ގެއްލުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، "އަޅުގަނޑުމެން އަންދާޒާ ކޮށްގެން މިތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީޑީޕީ ކުރިއަރާނެ ކަމަށް. ނަމަވެސް ކޮވިޑް 19ގެ ސަބަބުން، އިގުތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި،" ކަމަށެވެ.
މި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، އަންދާޒާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.