ޚަބަރު

ރޯދަމަހާއި ޝައްވާލްމަހުގެ ހަ ރޯދަ ނިމެންދެން ކެއިން ބުއިމުގެ ހިދުމަތްދޭ ގަޑިތައް އިއުލާނުކޮށްފި

އައިދާ އަބްދުލް ހަކީމް

ރަމަޟާން މަހު ފިހާރަތަކާއި ހޮޓާތައް ހުޅުވާފައި ހުންނާނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ ރޯދަމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތުން ފެށިގެން މެންދަމު 3:00 އާ ދެމެދުއެވެ.

މީގެ އިތުރުން ހަމަ މިމުއްދަތުގައި މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވެއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މީގެ ތެރޭގައި 24 ގަޑިއިރު ހުޅުވުމަށް ހުއްދަ ދޫކޮށްފައިވާ ފިހާރަތައް ނުހިމެނޭނެ ކަމަށެވެ.

ރަމަޟާން މަސް ނޫން މަސްތަކުގައި 24 ގަޑިއިރު ހިދުމަތްދޭން ބޭނުންވާ ތަންތަނުން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ބަލައި މިންގަނޑަށް ފެތޭ ތަންތަނަށް އަންނަނީ ހުއްދަ ދެމުންނެވެ.

ރަމަޟާން މަހު ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާ ގަޑިތަކަށް ބަދަލު ގެނައި އިރު، ކޮންމެ އަހަރަކު ވެސް ރަމަޟާން މަހުގެ ގަޑިތަކަށް ބަދަލު ގެނެއެވެ.