އިބްރާހިމް ޒަކީ
ރާއްޖޭގެ ރަށްރަށުން ކާޑު ހުސް ނުވާނެ ކަމަށާއި ބޭސްވެސް ދަތި ނުވެ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކޮވިޑް 19 ފެތުރެމުންދިއުމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރުވެސް އަތުވެއްޖެ ކަމަށެވެ.
ރާއްޖޭގެ އިގުތިސާދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އަންނަ ކަމަށާއި ކޯވިޑް 19 ގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ގައުމެއްގެ ގޮތުގައި ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތަކުން ރާއްޖެ ފާހަގަކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މި މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެ ކަމަށެވެ. އަދި ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެއްޖެ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު ހަދާފައި ހުރި ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާ ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިން އަންދާޒާ ކުރީ މިއަހަރުގެ ފަތުރުވެރިކަން އަށް އިންސައްތަ ކުރިއަރާނެ ކަމަށް. އަޅުގަނޑުމެން އަންދާޒާ ކޮށްގެން މިތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީޑީޕީ ކުރިއަރާނެ ކަމަށް. ނަމަވެސް ކޮވިޑް 19ގެ ސަބަބުން، އިގުތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ދަތިތައް ކުރިމަތިވިޔަސް، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، ހުސް ނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އެސްޓީއޯ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރި ކަމަށެވެ. އެގޮތުން ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭން އަވައްޓެރި އިންޑިއާއިން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާ އެކު ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް. ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސް ނުވާނެކަމުގެ ޔަގީންކަން ދެން. އެސްޓީއޯ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި. އަދި ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފައި. ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭން އަވައްޓެރި އިންޑިޔާއިން މިހާރު ވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށް ވެސް އިންޑިއާއިން ނިންމާފައިވާ ކަމަށެވެ.