އިބްރާހިމް ޒަކީ
މިއީ ހިކުމަތްތެރި ކަމާއެކު ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކޯވިޑް 19 އަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅުމާ ގުޅިގެން މިއަދު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
"ކޯވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް. ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން. މިއީ ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާ އެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ވަކިން ހާއްސަކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސްގެ އިލްތިމާސްގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައުމަށް މި ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، މި ބަލި ކޮންޓްރޯލް ކުރެވޭނެ ވަކި ދުވަސްވަރެއް، ދުނިޔޭގެ ސިއްހަތާ ބެހޭ ތަޖުރިބާކާރުންނަށް ވެސް އަދި ޔަގީން ނުވާ ކަމަށެވެ.
އެހެންކަމުން، މި ނުރައްކާތެރި ބަލިން އެންމެހައި ދިވެހިންނާއި ރާއްޖޭގައި އުޅޭ އެންމެން ރައްކާތެރިކުރުމަށް، ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރާއްޖޭގައި ލިބެން ހުރި ވަސީލަތްތަކާއި ހާލަތަށް ބަލައި، ރާއްޖޭގައި ތިއްބެވި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ސަރުކާރުން އެކަމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"އެގޮތުން މި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ކަނޑައެޅުމަށް "ރިސްކް ލެވެލް" ބަލާ މިންގަނޑުތައް ކަނޑައަޅައި، މި މައުލޫމާތުތައް މިހާރު ވާނީ އާންމުކޮށްފައި. ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ވަޒަންކުރުމަށް ފަހު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން މިއަދު ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރައްވާފައި،" ރައީސް ވިދާޅުވިއެެވެ.
އެމަނިކުފާނު ވިދާލުވީ، ބަލަިިން ރައްޔާތެރިވުމަށް ރާއްޖޭން އަޅަމުންގެންދާ ފިޔަވަޅުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ބަލިން ރައްކާތެރިވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ، ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާކުރެއްވުން ކަމަށެވެ.
"އެގޮތުން ސިއްހީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓައި، އާންމު ސާފުތާހިރުކަމަށް މިދުވަސްވަރު ހާއްސަ ސަމާލުކަމެއް ދެއްވުމަކީ ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ބައްޔަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، އެކަން ހޮޓްލައިން ނަންބަރު 1676 އަށް ރިޕޯޓް ކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.