ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ކަރަންޓީނު ކުރި މެލޭޝިއާ އިން ރާއްޖެ އައި ދިވެހި މީހާ ކޮވިޑް-19 އަށް ނެގަޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނު ކޮށްފިއެވެ.
އެޗްޕީއޭ އިން މިކަން އަންގާފައިވަނީ މިއަދު ކުރި ޓުވީޓެއްގައެވެ. މެލޭޝިއާއިން ރާއްޖެ އައި މި ދިވެހި މީހާ ކަރަންޓީނު ކޮށްފައިވަނީ އިއްޔެއެވެ.
އެ މީހާ ކަރަންޓީނު ކުރުމަށްފަހު އެޗްޕީއޭ އިން އިއްޔެ ކުރި ޓުވީޓެއްގައި މި މީހާއަކީ މެލޭޝިއާގައި ބައްޔަށް ޕޮޒިޓިވްވި މީހަކު އުޅުނު އިމާރާތެއްގައި ހުރި މީހެއް ކަމަށް ބުނެފައިވެއެވެ. އަދި އެމީހާ ރާއްޖެ އައި އިރު އެމީހާގެ ފަރާތުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެމީހާގެ ޓެސްޓުތައް ހަދާ، އޭނާ މޮނީޓަ ކުރުމަށް އެޗްޕީއެ އިން ވަނީ އެމީހާ އިއްޔެ ފަރުކޮޅު ފުއްޓަށް ގެންގޮއްސައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19 ފެނިފައިވަނީ ބިދޭސީންގެ ފަރާތުންނެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ.