މާދަމައިން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ހުކުރު ހުތުބާގެ އިތުރުން ހުކުރު ނަމާދު ވެސް ވީހާވެސް ކުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހު "ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ކަމަށެވެ. އަދި ހުކުރު ހުތުބާގެ އިތުރުން ހުކުރު ނަމާދު ވީހާވެސް ކުރުކޮށް ކުރުމަށް ހުރިހާ މިސްކިތެއްގެ އިމާމުންނަށް އަންގާފައިވާނެ ކަމަށް އަފްރާހު ވިދާޅުވިއެވެ.
އަފްރާހު ވިދާޅުވީ މިނިސްޓްރީގެ މި ނިންމުމާއި ގުޅިގެން މާދަމާގެ ހުކުރު ހުތުބާ ތައްޔާރު ކޮށްފައިވާނީ ވެސް ކުރިއަށް ވުރެ ކުރުކޮށް ކަމަށެވެ. އަދި މި ނިންމުމަކީ ވަގުތީ ނިންމުމެއް ކަމަށާއި، އިސްލާމިކް މިނިސްޓްރީން އިތުރު ވަކި ގޮތެއް އަންގަންދެން ހުކުރު ހުތުބާގެ އިތުރުން ހުކުރު ނަމާދު ވީހާވެސް ކުރު ކުރުމަށް އަންގާފައިވާނެ ކަމަށް އަފްރާހު ވިދާޅުވިއެވެ.
އެހެން ނަމަވެސް އަފްރާހު ވިދާޅުވީ ކުރުކުރަން އެންގި ނަމަވެސް، ސީދާ ވަކި ވަގުތެއް މިނިސްޓްރީން އަންގާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަކި ވަގުތެއް ނޯންނާނެ އެހެން ބުނެފައެއް. އެހެން ނަމަވެސް އެންމެ އެކަށީގެންވާ މިންވަރަކަށް ކުރުކޮށް ގެންދަން އަންގާފައި ވާނީ. ބައެއް ފަހަރު ބައެއް މިސްކިތްތަކުން ވަރަށް ދިގުކޮށް ކުރިއަށް ގެންދޭ. އެހެންވެ ދީފަ އޮތް އިރުޝާދެއް އެއީ"
ހުކުރު ހުތުބާގެ އިތުރުން ހުކުރު ނަމާދު ވީހާވެސް ކުރު ކުރުމަށް އެންގުމުގެ އިތުރުން މިހާރުގެ ހާލަތަށް އާންމުން ހޭލުންތެރި ކުރުވުމަށް މިނިސްޓްރީން ދީނީ އެކިއެކި ވީޑިއޯ ކްލިޕްތައް އާންމު ކުރަމުން ގެންދާ ކަމަށް ވެސް އަފްރާހު ވިދާޅުވިއެވެ.