ރާއްޖެއިން ކޮވިޑް19 ފެނިފައިވާތީ އާންމު ރައްކާތެރިކަން ކަށަވަރު ކުރުމުގެ ކެމްޕެއިން ހަރަކާތެއް ސިޓީ ކައުންސިލުން ފަށައިފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މި ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަހްމަދު ނިޔާޒް ވިދާޅުވީ ސިޓީ ކައުންސިލްގެ 100 އަށްވުރެ ގިނަ މުވައްޒަފުން ނިކުމެ މިއަދު ފެށި ކެންޕެއިން ހަރަކާތަކީ ބިދޭސީން ދިރިއުޅޭ ތަންތަނާއި، ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނާއި ފިހާރަ ފަދަ ތަންތަން ސާފުތާހިރުތޯ ބަލައި އެކަން ކަން ރަނގަޅުކުރަން ޖެހޭ ނަމަ ހުށަހަޅަން ޖެހޭ ތަންތަނަށް ހުށަހެޅުމުގެ މަސައްކަތެވެ.
މިއަދު ފެށި "އެންމެންގެ ރައްކާތެރިކަމަށް" ކެމްޕެއިން މެދުވެރިކޮށް ބިދޭސީންނަށް ކޮވިޑް19 އާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ސިޓީ ކައުންސިލުން އިސްނަގައިގެން ފެށި މި ކެމްޕެއިންގައި ހެލްތު ޕްރޮޓަކްޝަން އެޖެންސީ(އެޗްޕީއޭ)ގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ މިއީ، މިބަލި މާލޭގައި ފެތުރެން ފަށައިފި ނަމަ ނުރައްކާ ހާލަތަކަށް ގޮސްދާނެ ކަމަށް ގަބޫލު ކުރެވޭތީ ސާފުތާހިރުކަން ކަށަވަރުކޮށް ބިދޭސީންނަށް މި ބައްޔާއި ބެހޭ މައުލޫމާތު ލިބެންވާ ވަރަށް ލިބިފައި ނުވާކަން ގަބޫލު ކުރެވޭތީ ފެށި މަސައްކަތެއް ކަމަށެވެ.
ނިޔާޒް ވިދާޅުވީ އެފަދަ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މަތި ކޮށްފައިވަނީ އެޗްޕީއޭއަށް ނަމަވެސް މިދަނޑިވަޅުގައި މާލޭގައި ދިރިއުޅޭ އެންމެންގެ ސަލާމަތަށް ޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމުން އެކަމަށް އިސްނަގައި އެމަސައްކަތް ފެށީ ކަމަށެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ މިއަދު މިހަރަކާތް ފެށިފަހުން ސިޓީ ކައުންސިލުން ބަލައި ޗެކް ކުރި ތަންތަނުގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށެވެ. އެގޮތުން އެއް ތަނެއްގައި އެތައް ސަތޭކަ ބިދޭސީން ދިރިއުޅޭ ތަންތަން ދިމާވެފައިވާ ކަމަށާއި ކައްކާ ތަންތާގައި ކާއެއްޗެހި ބިންމަތީގައި ބަހައްޓައިގެން ކައްކާ ބައެއް ތަންތަން ފެނިފައިވާ ކަމަށެވެ.
ހަމަ މި ކެމްޕެއިންގެ ދަށުން މިސްކިތްތަކުގެ ކާޕެޓް މިދުވަސްކޮޅު ނެގުމަށް ނިންމާފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ނިޔާޒް ވިދާޅުވީ ކާޕެޓްތައް ނަގަން ނިންމެވީ މިސްކިތްތައް ސާފުތާހިރުކޮށް ބޭއްވޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ސިއްހީ އިދާރާތަކުން ވެސް އިރުޝާދު ދީފައިވާތީ ކަމަށެވެ.
މި ކެމްޕެއިން ނިންމާލާނީ މުޅި މާލޭގައި ހުރި އެފަދަ ތަންތަން ބަލައި ސާފުތާހިރުކަން ކަށަވަރު ކުރުމަށްފަހު ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.