ރައީސް ޔާމީން

ރައީސް ޔާމީން ދުނިޔޭގައި އެބަހުރި، އެއީ ވަރަށް "ވިކެޑް" މީހެއް: އަބްދުﷲ ރިޔާޒް

މުހައްމަދު އައުޒަމް

7

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދުނިޔޭގައި ހުރި ކަމަށާއި ރައީސް ޔާމީނަކީ ވަރަށް "ވިކެޑް" (ނުބައި ނުލަފާ މީހެއް) މީހެއް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، ޖޭޕީއަށް ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ އަޅުގަނޑުމެންގެ އަމާޒު ގެއްލުވާލައިގެން ނުވާނެ ކަމަށާއި އަދި "ރައީސް ޔާމީން މަރު ނުވާ" ކަމަށެވެ. އެހެންކަމުން އިންތިހާބަށް ނުކުންނަ އިރު ރައީސް ޔާމީން މަތިން އެއްގޮތަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

އަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސް ޔާމީން މިގައުމަށް ދިން އަނިޔާވެރިކަން، މި މުޖުތަމައުގައި މުޅި ސިސްޓަމް ފުނޑާލައިގެން، ރައީސް ޔާމީން ކުރެއްވި ކަންތައްތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ފޯކަސް އެހެން ދިމާލަކަށް ބަދަލުވެގެން ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.

"ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ވެސް އެންމެ ބޮޑު މަސައްކަތަކަށް ވާން ވާނީ އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވައުދު. މި ގައުމުން ގެއްލިފައި ހުރި ފައިސާތައް ހޯދުން. ކޮރަޕްޝަންގެ މައްސަލަތައް ބެލުން. އިންތިހާއަށް ކޮށްފައިވާ އަނިޔާތައް ބެލުން. ނުފޫޒު ބޭނުންކޮށްގެން ފަނޑިޔާރުގެއިން ހިންގާފައިވާ ކަންތައްތައް ބެލުން،" އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

އަބްދުﷲ ރިޔާޒް އިތުރަށް ވިދާޅުވީ ވައުދުވި ކަންކަން މަތިން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި މިކަންކަން ކާމިޔާބުކުރެވޭނީ އެންމެން އެކުގައި މަޖިލީހަށް ވެސް ގޮސްގެން ކަމަށެވެ. އަދި ފަސް އަހަރުގެ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދީ ސުލްވެރިކަމާއެކު މި މަސައްކަތްކޮށްގެން ކުރިއަށް ގެންދިއުމަށް ލީޑަރުންނަށް އިލްތިމާސްކުރައްވާ ކަމަށާއި އެންމެ ފުރަތަމަ އިސްކުރައްވާނީ ގައުމު ކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟