ޚަބަރު

ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ ހުރިހާ ގައުމަކުން އިންޑިއާއަށް ދަތުރުކުރަން ހާއްސަ އުސޫލުތަކެއް ހަމަޖައްސައިފި

އަލީ ޔާމިން

ކޮވިޑް 19 އާ ގުޅިގެން ރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ ހުރިހާ ގައުމަކުން އިންޑިއާއަށް ދަތުރުކުރަން ހާއްސަ އުސޫލުތަކެއް ހަމަޖައްސައިފިއެވެ.

އެގޮތުން އެގައުމުގެ ސަރުކާރުން ވަނީ ފަތުރުވެރިންނަށް ވިސާ ދިނުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލަން ނިންމައިފައެވެ.

ކޮވިޑް 19 ފެތުރިގެން ދިއުމުގެ ބިރު ބޮޑުވެފައި ވާތީ އިންޑިއާ އިން ހުރިހާ ގައުމެއްގެ މީހުންނަށް ވެސް ޓުއަރިސްޓް ވިސާ ދޫކުރުން މެދުކަނޑާލީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.

ވިސާ ދޫކުރާ އުސޫލަށް ބަދަލު ގެނައި ނަމަވެސް އިންޑިއާއަށް ދަތުރު ކުރާ ގައުމުތަކުގެ ޑިޕްލޮމެޓުންނާއި، ސަރުކާރުތަކުގެ އޮފިޝަލުންނާއި، އދ. އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ މުވައްޒަފުންނާއި، އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅިގެން ވިސާ ނަގާފައިވާ މީހުންނަށް އެއްވެސް ދައްޗެއް ނެތި އިންޑިއާއަށް އެތެރެ ވެވޭނެއެވެ.

އިންޑިއާއިން ވަނީ ހައި ރިސްކް ގައުމުތައް ކަމަށްވާ ޗައިނާ، އީރާން، އިޓަލީ، ކޮރެއާ، ފްރާންސް، ސްޕޭން އަދި ޖަރުމަންވިލާތުން އެގައުމަށް ދަތުރުކުރާ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ކުރަން ނިންމައިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރޭނެ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.