ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް19) ރާއްޖޭގެ ރިސޯޓްތަކުގައި ފެތުރެމުންދާތީ މިދުވަސްކޮޅު ރިސޯޓްތަކަށް ޗުއްޓީ ހޭދަ ކުރުމަށް ދިވެހިން ދިއުން މަނާ ކުރަން ޖެހޭ ކަމަށް މާލޭ ސިޓީ މޭޔަރު ކަމަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
އަލްހާން މިހެން ވިދާޅުވި އިރު ކޮވިޑް19އިގެ ބަލި މީހުން ރާއްޖޭން މިހާތަނަށް ފެނިފައި ވަނީ ރިސޯޓުތަކުން އެކަންޏެވެ. ދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އަލްހާން ގެންދަވަނީ ފާޅުކުރަމުންނެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު މިވަގުތު ބޭއްވުމަށްވުރެ ނުބޭއްވުން މާ ބުއްދިވެރިކަމަށް އަލްހާންވަނީ ވިދާޅުވެފައެވެ. އަދި އެކަމުގައި ސިޔާސީ މީހުންގެ މަޝްވަރާއެއް ހޯދަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅު ވެފަ އެވެ.
ކޮވިޑް19 އަށް ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.