އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލުމަށްފަހު، އެތުލެޓިކޯ މެޑްރިޑުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި އެތުލެޓިކޯ އިން ވަނީ ފަހަތުން އަރައި 3-2ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށްފައެވެ. އެތުލެޓިކޯ އިން ކުއާޓާގެ ޖާގަ ކަށަވަރުކުރީ 4-2ގެ އެގްރިގޭޓުން ލިވަޕޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޖޯޖީނިއޯ ވައިނަލްޑަމް އާއި އެލެކްސް އޮކްސްލޭޑް ޗެމްބަލޭން އާއި ސާޑިއޯ މާނޭ އަދި ރޮބާޓޯ ފާމީނޯއަށް ލިބުނު ފުރުސަތުތަކުން ފޮނުވާލި ހަމަލާތައް އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލަކް ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ކުއާޓާގެ އުންމީދު އާކޮށްފައެވެ. ޗެމްބަލޭން ނަގައިދިން ހުރަހަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ވައިނަލްޑަމްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ލިވަޕޫލަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު ސަލާހާއި ޗެމްބަލޭން އަދި ފާމީނޯއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެ ތިން ހަމަލާގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ އެތުލެޓިކޯގެ ކީޕަރު އޮބްލަކްއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ލިވަޕޫލަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. ސަލާހު ފޮނުވާލި އެ ހަމަލާ ވެސް އެތުލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1ގެ އެގްރިގޭޓުން ދެ ޓީމު އެއްވަރުވެފައިވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ލަނޑެއް ޖަހައިފައެވެ. ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ފާމީނޯއެވެ.
ލިވަޕޫލުން އެ ލަނޑު ޖެހިތާ ތިން މިނެޓުގެ ތެރޭގައި އެތުލެޓިކޯ އިން ވަނީ ލަނޑެއް ޖަހައި އަވޭ ގޯލުގެ އެޑްވާންޓޭޖު ހޯދައިފައެވެ. ޖޮއާއޯ ފީލިކްސް ދިން ބޯޅައަކުން އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާކޯސް ލޮރެންޓޭއެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯ އިން ވަނީ އިތުރު ލަނޑެއް ޖަހައި އެގްރިގޭޓު ނަތީޖާ އިން ވެސް ކުރި ހޯދައިފައެވެ. އަލްވާރޯ މޮރާޓާ ދިން ބޯޅައަކުން އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ލޮރެންޓޭއެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެނިކޮށް އެތުލެޓިކޯ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ލޮރެންޓޭ ދިން ބޯޅައަކުން އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ފޯވަޑް މޮރާޓާއެވެ.