އިނގިރޭސިވިލާތް

ކޮވިޑް 19 : ޔޫކޭގައި އިންޓަރެސްޓް ރޭޓްތައް ކުޑަކޮށްފި

މިންހާ ފާއިޒް ރަޝާދު

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ ސަބަބުން އިނގިރޭސިވިލާތް (ޔޫކޭ)ގެ ސެންޓްރަލް ބޭންކު، ބޭންކް އޮފް އިންގްލޭންޑުން އިންޓަރެސްޓް ރޭޓްތައް ކުޑަކޮށްފިއެވެ.

ކުއްލި ގޮތަކަށް އެ ބޭންކުން މިގޮތަށް މި ނިންމީ އެގައުމުގެ އިގްތިސާދަށް އަންނާނެ ލޮޅުމަށް ބަލާފައި ކަމަށް ބޭންކް އޮފް އިންގްލޭންޑުން ބުނެއެވެ.

އެގޮތުން އެގައުމުގައި 0.75 ޕަސެންޓަށް ހުރި އިންޓަރެސްޓް ރޭޓްތައް ވަނީ 0.25 ޕަސެންޓަށް ކުޑަކޮށްފައެވެ.

ބޭންކުން އިތުރަށް ބުނީ އެތައް ބިލިޔަން ޕައުންޑެއް އެހެން ބޭންކުތަކަށް ވެސް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ރައްޔިތުންނަށް އެހީވުމަށް އެފައިސާ ލޯނުގެ ގޮތުގައާއި އެހެން ގޮތްގޮތުންވެސް ދިނުން ކަމަށް ބޭންކް އޮފް އިންގްލޭންޑުން ބުންޏެވެ.

ޔޫކޭގައި ކޮވިޑް19 އަށް 373 މީހުން ޕޮޒިޓިވް ވެފައި ވާއިރު ހަ މީހުން ވަނީ މަރުވެފައެވެ. އެގައުމުގެ ހެލްތު މިނިސްޓަރުވެސް ވަނީ ކޮވިޑް19އަށް ޕޮޒިޓިވް ވެފައެވެ.

މި ނާޒުކު ދަނޑިވަޅުގައި އެގައުމުގުގެ އިގްތިސާދު ކުރިއެރުވޭނެ ގޮތްތަކާއި ވަޒީފާތަކާއި ބަޖެޓާ ގުޅޭގޮތުން ގައުމުގެ ޗާންސެލާ އިތުރަށް މައުލޫމާތު ދެއްވަން ހަމަޖައްސާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ޑިސެމްބަރު މަހު، ޗައިނާގެ ވުހާން ޕްރޮވިންސުން ފެނި މިހާތަނަށް ދުނިޔޭގެ 114 އަށްވުރެ ގިނަ ގައުމަށް ފެތުރިފައިވާ ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 120،000 އަށްވުރެ މައްޗަށް އަރާފައިވާއިރު އެ ބަލީގައި 4000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އިއްޔެގެ ވަގުތެއްގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނީ ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ވަބާއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.