ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ލަންޑަނާއި އިންޑިއާގެ ޓްރިވެންޑްރަމްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށި ބެެހެއްޓޭނެ ކަމަށް ނުބެެލެވޭ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ރާއްޖޭން ބޭރުގައި ހަތަރު ވޯޓު ފޮއްޓެއް ބަހައްޓަން ވަނީ ނިންމައިފައެވެ.
އެއީ އިނގިރޭސިވިލާތުގެ ލަންޑަނުގައާއި ސްރީ ލަންކާގެ ކޮލަމްބޯގެ އިތުރުން މެލޭޝިއާގެ ކުއަލަ ލަމްޕޫރު އަދި އިންޑިއާގެ ޓްރިވަންޑުރަމްގައެވެ.
ނަމަވެސް ދުނިޔޭގައި ދުނިޔޭގައި ކޮވިޑް 19 ފެތުރެމުންދާތީ އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީން މައުލޫމާތު އޮޅުން ފިލުވައިފައެވެ. އަދި އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިލެކްޝަނަށް ލަފާދޭ ގައުމީ ކޮމިޓީން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.
މީޑިއާ ނުވައްދައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާން އަހުމަދު އަކްރަމް "ވަން" އަށް ވިދާޅުވީ، ފޮރިން މިނިސްޓްރީން ދީފައިވާ ގައުމުތަކުގެ ހާލަތަށާއި ކޮމެޓީގެ މެމްބަރުންގެ ހިޔާލަށް ބެލުމަށްފަހު ލަންޑަނާއި ޓްރިވެންޑުރަމްގައި ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ނަމަވެސް ވޯޓު ފޮށިތައް ބަހައްޓާނެ ގައުމުތައް މާދަމާ އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ވޯޓު ފޮށި ނުބަހައްޓަން ނިންމާ ގައުމުތަކުގައި ދިރިއުޅޭ މީހުން އެހެން ތަނެއްގައި ރަޖިސްޓްރީ ވުމަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
މިއަދު ހެނދުނު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވެސް ވަނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ހަތަރު ގައުމުތަކުގައި އެފަދަ ހަރަކާތެއް ހިންގުން މަނާކޮށްފާނެތީ ކަމަށެވެ. އަދި ރާއްޖޭގައި ވެސް ވޯޓު ފޮށި ބަހައްޓަން ކަނޑައަޅާފައިވާ ރިސޯޓެއް ލޮކްޑައުން ކޮށްފާނެތީ ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.
އަކްރަމް އިތުރަށް ވިދާޅުވީ، އިންތިހާބު ފަސްކުރުމާއި ގުޅޭގޮތުން ކޮވިޑް 19ގެ ހާލަތު ބެލުމަށް އަފައްދާފައިވާ ނޭޝަނަލް ކޮމިޓީއާ އިލެކްޝަން ކޮމިޝަނުން ބައްދަލުކުރަން އެދިފައިވާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު އިންތިހާބު ފަސްކުރުމަށް ގޮތެއް ނިންމައި، އެކަން އިއުލާން ކުރާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް 19 ޖެހިފައިވާ އަށް މީހަކު ފެނި، އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި އެފަދަ ހަރަކާތްތައް ނުރޭވުމަށް ސިއްހީ އިދާރާތަކުން އިލްތިމާސް ކުރަމުންދާ ދަނޑިވަޅެއްގައި ވެސް އިންތިހާބު ފަސް ކުރަން އިލެކްޝަން ކޮމިޝާނުން ނޫޅުމަކީ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.
ނަމަވެސް މިއަދު ހެނދުނު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިންތިހާބަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތިންބައިކުޅަ އެއްބައި އެކަމަށް ތައްޔާރު ވުމަށް މިހާރު ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބު ފަސްކޮށް ބާއްވާނަމަ އިތުރަށް 30 ވަރަކަށް މިލިޔަން ރުފިޔާ ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.
އިންތިހާބު ފަސްކުރުމުގެ ގާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ނޯންނަކަން ފާހަގަކުރައްވާ ޝަރީފު އިތުރަށް ވިދާޅުވީ، ގާނޫނުގައި ކަނޑައަޅާފައިވާ ތާރީހަށް އިންތިހާބު ބޭއްްވުމަކީ އީސީގެ ގާނޫނީ ވާޖިބެއް ކަމަށެވެ.
އަދި ސިޓިން ކައުންސިލްގެ މުއްދަތު ހަމަ ވުމުގެ 30 ދުވަސް ކުރިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ގާނޫނު ބުނާ ކަމަށާއި، އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައި އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނީ ބްރީތިންގ ސްޕޭސްއެއް ލާފައި ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.