ޚަބަރު

ކުރިއެކޭވެސް އެއްގޮތަށް ލަންކާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ: މިނިސްޓަރު ޝާހިދު

އަލީ ޔާމިން

ކުރިއެކޭވެސް އެއްގޮތަށް ސްރީ ލަންކާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޫކުރާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ލަންކާގެ ރައްޔިތަކު ޕޮޒިޓިވްވުމާ ގުޅިގެން، އެގައުމުގެ ސަރުކާރުން މިއަދު ވަނީ ޓޫރިސްޓުންނަށް ދޫކުރާ އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފިއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލަންކާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެގައުމުން ދިވެހިންނަށް އަދިވެސް އޮން އެރައިވަލް ވިސާ ދޫކުރާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، ލަންކާ ސަރުކާރުން މެދުކަނޑާލާފައިވަނީ ލަންކާއަށް އެތެރެވުމުގެ ކުރިން ވިސާ ނަގަންޖެހޭ ސްކީމު ކަމަށާއި ދިވެހިން ލަންކާއަށް ދިއުމާއެކު ވިސާ ލިބޭ އުސޫލަށް އޭގެން އަސަރެއް ނުކުރާނެ ކަމަށެވެ.

އޮން އެރައިވަލް ވިސާ ދިނުން ލަންކާ ސަރުކާރުން މެދުކަނޑާލީ އެގައުމުން އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނުމާއި ގުޅިގެން ލަންކާގައި ކޮރޯނާވައިރަސް ފެތުރިދާނެ ކަމުގެ ބިރަށެވެ. އޮން އެރަވައިލް ވިސާ ދިނުން ލަންކާއިން މެދުކަނޑާލީ މުއްދަތެއް ނެތް ގޮތަށެވެ.

އެގޮތުން މިއަދު ޕޮޒިޓިވްވި އުމުރުން 52 އަހަރުގެ މީހާއަކީ ޓުއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އޭނާއަށް ބަލި ޖެހުނީ އިޓަލީ ޓޫރިސްޓުންތަކެއްގެ ފަރާތުން ކަމަށް ވެސް ލަންކާގެ އިދާރާތަކުން ބުނެއެވެ.

ލަންކާ އިން މިހާރު ވެސް ވަނީ އީރާނާއި އިޓަލީ އަދި ކޮރެއާ އިން އެގައުމަށް އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ކުރަން ފަށައިފައެވެ.