ޚަބަރު

ކޮވިޑް 19އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ވަބާއެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައިފި

ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރާނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައިފިއެވެ.

ކޮވިޑް 19 އަކީ ވަބާއެއް ކަމަށް ކަނޑައަޅައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވީ، މިއީ އެ ބައްޔާ ދެކޮޅަށް ފިޔަވަޅުތަކެއް ނާޅާ ގައުމުތަކަށް އޮތް އިންޒާރެއް ކަމަށެވެ. އަދި އެ ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ އެބަލި ކޮންޓްރޯލް ކުރުމަށް މިހާރަށްވުރެ ރަނގަޅު ފިޔަވަޅުތަކެއް އެޅުމަށް އޭނާ ގޮވާލެއްވިއެވެ.

"ބައްޔާ ދެކޮޅަށް އަވަސް އަދި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޑަބްލިޔުއެޗްއޯ އިން ކޮންމެ ދުވަހަކު ގައުމުތަކަށް ވަނީ ގޮވާލާފައި. މި ޖަމިއްޔާ އިން ވާނީ އިންޒާރުގެ ރަންގަބީލު ބާރަށް އަދި ވަރަށް ސާފުކޮށް އިއްވައިދީފައި،" އަދަނޮމް ވިދާޅުވިއެވެ.

ބައްޔަކާ ގުޅިގެން ދުނިޔޭގައި ވަބާއެއް ކުރިމަތިވެދާނެ ކަމަށް ކަނޑައަޅަނީ އުންމީދު ކުރި ގޮތާ ހިލާފަށް އެ ބަލި ދުނިޔެއަށް ފެތުރިގެން ދިއުމާ ގުޅިގެންނެވެ. އަދި އެއީ އިތުރު ގައުމުތަކަށް އެ ބަލި ފެތުރިދާނެތީ ކަމަށް ލަފާކޮށް، އެކަމާމެދު ސަރުކާރުތަކުން ތައްޔާރުވެ ފިޔަވަޅު އެޅުމަށް އަންގާ އެންގުމެކެވެ.

ކޮވިޑް 19 އަކީ ދުނިޔެއަށް ފެތުރިދާނެ ވަބާއެއް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާއިރު މިއީ ކޮރޯނާވައިރަހަކާ ގުޅިގެން ދުނިޔެއަށް ވަބާއެއް ފެތުރިދާނެ ކަމަށް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

އެގޮތުން 2003 ވަނަ އަހަރު ފެތުރުނު ސާސް ކޮރޯނާވައިރަސް އަކީ ވެސް ވަބާއެއް ކަމަށް ކަނޑައަޅާފައެއް ނުވެއެވެ. އެއީ މަދު ގައުމުތަކަކަށް އެ ބަލި ފެތުރުމުންނެވެ.

މިދިޔަ ޑިސެމްބަރު މަހު، ޗައިނާގެ ވުހާން ޕްރޮވިންސުން ފެނި މިހާތަނަށް ދުނިޔޭގެ 114 އަށްވުރެ ގިނަ ގައުމަށް ފެތުރިފައިވާ ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 120،000 އަށްވުރެ މައްޗަށް އަރާފައިވާއިރު އެ ބަލީގައި 4000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.