ޚަބަރު

ބަތަލާ އިން ބިދޭސީއަކު އަދި ބަންގުލަދޭޝް އިން ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކުރަނީ

އއ. ބަތަލާ ރިސޯޓުން އިތުރު ބިދޭސީއަކު އަދި ބަންގުލަދޭޝް އިން ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށް ކޮރޯނާވައިރަހާ ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ، ބިދޭސީން ކަރަންޓީން ކުރުމަށް ގެންނަ ބިދޭސީ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަނެވުނު އެ ރިސޯޓުގެ ސްޓާފެއް ކަމަށެވެ.

އަދި ވިލިވަރުގައި ކަރަންޓީން ކުރާ ދިވެހި މީހާއަކީ ބަންގުލަދޭޝްގައި މިދިޔަ 14 ދުވަސް ތެރޭގައި ހުރެފައި ލަންކާ އިން ރާއްޖެ އައިސްފައިވާތީ ކަރަންޓީނަށް ގެންދެވޭ މީހެއް ކަމަށް ވިދާޅުވިއެވެ.

މަބުރޫކު ވިދާޅުވީ، މިވަގުތު ފަރުކޮޅުފުށީގައި 16 މީހަކު އަދި ވިލިވަރުގައި 13 މީހަކު ކަރަންޓީން ކޮށްފައި އެބަ ތިބި ކަމަށެވެ. އަދި މިހާތަނަށް 82 މީހެއްގެ ސާމްޕަލް ނެގިފައިވާއިރު 76 މީހަކު ނެގެޓިވް ވެފައިވާ ކަމަށާއި ދެ ސާމްޕަލްއެއްގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގެ ތަފްސީލު ދެއްވަމުން މަބުރޫކު ވިދާޅުވީ، ސަމާ އައިލެންޑުން 68 މީހަކު އަދި ކުރެއްދޫން 99 މީހެއްގެ ކޮންޓެކްޓް ޓްރޭސިން ހެދިފައިވާއިރު ބަތަލާގައި 17 އަދި ކުރަމަތި ރިސޯޓުން 20 މީހެއްގެ ކޮންޓެކްޓް ޓްރޭސިން ހެދިފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ.