ޚަބަރު

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ އެމްޑީޕީގެ 38 މެމްބަރަކު އެޕާޓީން ވަކިކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިންތިހާބުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިހުރެ އަމިއްލަ ގޮތުން ވާދަކުރާ އެޕާޓީގެ 38 މެމްބަރަކު ވަކިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ޕާޓީގެ ފަރާތުން ވާދަކުރުމަށް ޓިކެޓުދީފައިވާ ކެންޑިޑޭޓުން ތިއްބައި، ޕާޓީގެ މެމްބަރުންގެ ގޮތުގައި ހުރެގެން އިންތިހާތަކުގައި އަމިއްލަ ގޮތުން ވާދަކުރުމަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ.

އަދި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް ލިބިދީފައިވާ ބާރުގެ ދަށުން އެގޮތަށް ވާދަކުރާ މީހުން ޕާޓީގެ މެމްބަރުން ވަކިކޮށް އިލެކްޝަން ކޮމިޝަނުން ބަލަހައްޓަމުންދާ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ފޮނުވާފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެގޮތުން އެޕާޓީން ވަނީ ވަކިކުރަން ނިންމި 38 މީހެއްގެ ނަންތައް ހާމަކޮށްފައެވެ.

އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އެމްޑީޕީން 877 ކެންޑިޑޭޓަކު ވާދަކުރާއިރު އޭގެ ތެރެއިން 13 ގޮނޑިއެއް އިންތިހާބަކާ ނުލައި އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ.