ރާއްޖެއިން ވެސް ފެނިފައިވާ ކޮވިޑް 19 އާގުޅޭ ހަބަރު އާންމުކުރުމުގައި ގައުމީ މަސްލަހަތު އިސްކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް އެކަމަށް އިލްތިމާސް ކުރެއްވީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އައްބާސް އިބްރާހީމަށް 2018 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުން އެރުވި އެވޯޑް، ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން ހަވާލުކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިޒަމާނަކީ ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަކަމާއެކު ހަބަރު ފެތުރުމުގައި ހިޔާލު ފާޅުކުރުމުގެ މަގު ފަހިވެފައިވާ ޒަމާނެއް ކަމަށެވެ. އެގޮތުން ބައެއް މީހުން ފަތުރާ މައުލޫމާތުގެ ސަބަބުން ތެދު ދޮގަށްވެ، ދޮގު ތެދަށް ވާހަލަތު ވެސް މެދުވެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އާންމު ރައްޔިތުންނަށް ސައްހަ ތެދު މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.
ހާއްސަކޮށް މިދަނޑިވަޅަކީ ކޮވިޑް 19ގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވެފައިވާ ދުވަސްވަރެއް ކަމުން މިކަމުގައި އެންމެ ސައްހަ ތެދު މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ދިވެހި ހުރިހާ ނޫސްވެރިންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި އައްބާސް އިބްރާހީމަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ. މި ރަސްމިއްޔާތުގައި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ އާއި ކައުންސިލްގެ ބައެއް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެވަޑައިގަތެވެ.