ޚަބަރު

އިންޑިއާއިން މީހުން އައުން މަނާ ނުކުރަނީ ކީއްވެގެންތޯ އަލްހާން ސުވާލު އުފައްދަވައިފި

އައިދާ އަބްދުލް ހަކީމް

އިންޑިއާގައި 50 އަށްވުރެ ގިނަ މީހުން ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް 19 އަށް ޕޮޒިޓިވްފައިވާއިރު އަދިވެސް އެގައުމުން މީހުން ރާއްޖެ އައުން މަނާ ނުކުރަނީ ކީއްވެގެންތޯ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ސުވާލު އުފައްދަވައިފިއެވެ.

އަލްހާން އެގޮތަށް ސުވާލު އުފައްދަވައި ޓުވީޓެއް ކުރައްވާފައިވާއިރު އެކަމާ ގުޅިގެން ރައްޔިތުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން އެބަލި ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ސަރުކާރު އަންނަނީ މަނާ ކުރަމުންނެވެ. އެގޮތުން މިހާތަނަށް މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފައިވާ ގައުމުތަކުގެތެރޭގައި ޗައިނާ، އީރާން، ސައުތު ކޮރެއާ، އިޓަލީ އަދި ބަންގުލަދޭޝް ހިމެނެއެވެ. ސަރުކާރުން މީހުން އައުން މަނާކުރި ބަންގުލަދޭޝް އިން މިހާތަނަށް ކޮވިޑް 19 އަށް ތިން މީހުން ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން 62 މީހުން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އަދި އެގައުމުން މީހުން ރާއްޖެ އެތެރެވުން ސަރުކާރުން މަނައެއް ނުކުރެއެވެ.

އަލްހާން މީގެ ކުރިން ވެސް ވަނީ ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ބައެއް ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެގޮތުން ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށާއި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާ ލުމަށް އަލްހާން ދަނީ ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.

އޭގެ އިތުރުން މާލެއަށް އަރައި ފައިބާ މީހުން ދެނެގަންނަންޖެހޭކަން ފާހަގަކުރައްވާ އަލްހާން ވަނީ ރިސޯޓުތަކުން މާލެއަށް އެކި ދިމަދިމާލުން މީހުން އަރައި ފައިބާއިރު އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެފަދަ މީހުން ދެނެގަނެވޭނެ ގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމަށް ވިދާޅުވެފައެވެ.