ޚަބަރު

ކައުންސިލް އިންތިހާބު ފަސްކޮށްދިނުމަށް އެމްއާރްއެމުން އެދިއްޖެ

އަލީ ޔާމިން

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ފަަސްކޮށްދިނުމަށް މޯލްޑިވްސް ރީފޯމް މޫމެންޓް (އެމްއާރްއެމް)އިން އިލެކްޝަން ކޮމިޝަނުގައި އެދިއްޖެއެވެ.

އެމްއާރްއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ސޮއި ކުރައްވައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ ކޮވިޑް 19އަށް ރާއްޖެއިން މިހާތަނަށް އަށް މީހަކު ޕޮޒިޓިވް ވެ އެ ބައްޔަށް އިތުރު ބަޔަކު ޓެސްޓް ކުރަމުން އަންނަ މި ދަނޑިވަޅުގައި އެ ދެ އިންތިހާބު ބޭއްވުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށެވެ.

އެގޮތުން ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ބާއްވާ މި ދެ އިންތިހާބުގައި ވޯޓުލުމަށް އެކަށޭނެ އަދަދަކަށް ރައްޔިތުން ނުނިކުމެ، އިންތިހާބަކީ ރައްޔިތުންގެ އެއްބާރުލުން ނުލިބޭ މާލީ ގޮތުން ވެދާނެ އިސްރާފަކަށް އެ ޕާޓީން ދެކޭ ކަމަށް ސިޓީގައި ވެއެވެ.

މީގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ގާނޫނު އަސާސީން ލިބިފައިވާ ތާއީދު ހޯދުމުގެ ހައްގު ލިބިގަތުމަށްވެސް ކޮވިޑް 19އާ ގުޅިގެން ހުރަސްތަކެއް އެޅޭކަމަށް ސިޓީގައި ބުނެފައި ވެއެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ފަސްކުރުމަށް އެމްއާރްއެމުން އެދިފައިވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންވެސް ވަނީ އިންތިހާބު ފަސްކުރާ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން ކުރުމަށް އެ ކޯލިޝަނުންވެސް ތާއީދު ކުރާނެ ކަމަށް ބުނެފައެވެ.