ޚަބަރު

މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

އަލީ ޔާމިން

ގދ. މާވަރުލުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފިއެވެ.

އެ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މިއަދު މެންދުރެއްހާއިރު އެވެ. އެ އެއާޕޯޓަށް ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ.

މާވަރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީ އެމްޓީސީސީންނެވެ.

މާވަރުލު އެއާޕޯޓުގެ ރަންވޭއަކީ 150 މީޓަރު ފުޅާ އަދި 1200 މީޓަރު ދިގު ރަންވޭއެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިމަހުގެ 20 ވަނަ ދުވަހު މާވާރުލަަށް ޝެޑިއުލް ދަތުރުތައް ފެށިގެންދާނެ ކަމުގައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވީ، މިއަހަރުގެ ކުރީ ކޮޅުގައި ދަތުރުތައް ފެށޭނެ ކަމަށެވެ. ގދ. މާވަރުލުގެ އިތުރުން އެ އަތޮޅު ފަރެސްމާތޮޑާގައިވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.