ޚަބަރު

ކުރެއްދޫގެ ބައެއް ބަންދުކޮށް، ރިސޯޓް ހުޅުވާލަނީ

އަލީ ޔާމިން

ރާއްޖޭގައި އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެނުނު ޅ. ކުރެއްދޫ ރިސޯޓްގައި އެކަހެރިކޮށްފައިވާ މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ބަންދު ކުރުމަށްފަހު، ރިސޯޓް ހުޅުވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އޮރެންޖު އެލާޓްގައި މިހާރު އޮތް ކުރެއްދޫގައި ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ޑޮކްޓަރުންގެ ޓީމުން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ މަސައްކަތަކީ އެރަށުގައި އެކަހެރިކޮށްފައިވާ ފަރާތްތައް ރަށުގެ އެއް ހިސާބަކަށް ގެންގޮސް އެ ސަރަހައްދު ބަންދުކޮށް، އެ ރިސޯޓް ހުޅުވާލެވިދާނެތޯ ބެލުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން އެރަށުގައި މިވަގުތު ތާށިވެފައި ތިބި ފަތުރުވެރިންގެ ތެރެއިން ހާލު ރަނގަޅުކޮށް ތިބި މީހުން ހާލު ރަނގަޅުކަމަށް ކަނޑައަޅައި ފުރުވާލެވިދާނެ ކަހަލަގެ ބަޔަކު ތިބިނަމަ އެބަޔަކު ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.

ކުރެެއްދޫ ރިސޯޓްގެ ހަތަރު މީހަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއީ އެ ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ. މިހާރު ކުރެއްދޫ ރިސޯޓުގައި 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންގެ އިތުރުން 420 ބިދޭސީ މުވައްޒަފުން އެބަތިއްބެވެ.