ޚަބަރު

އުމްރާއިން ރާއްޖެ އައި ފަރާތްތައް ގޭގައި އެކަހެރިކޮށް ތިބުމަށް އަންގައިފި

އަލީ ޔާމިން

އުމްރާއިން މިއަދު ރާއްޖެއައި ދިވެހީން ގޭގައި ތިބެގެން 14 ދުވަހުގެ އައިސޮލޭޝަން ޕްރޮސެސް ފުރިހަމަކުރުމަށް ސަރުކާރުން އަންގައިފި އެވެ.

ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އުމްރާއިން ރާއްޖެ އަންނަ ހުރިހާ ފަރާތްވެސް ސްކްރީން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސްކްރީން ކުރުމަށް ފަހު ކިރިޔާވެސް އަލާމާތެއް ފެންނަ މީހެއް ނަމަ ސިނަމާލެ 2 ގައި އިއްޔެ ގާއިމް ކުރި ފްލޫ ކްލިނިކުން ފަރުވާ ހޯދުމަށް އެދޭ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އުމްރާއިން ރާއްޖެ އައި މީހުން ރާއްޖެ ފޭބުމުގެ ކުރިން އެ މީހުންނާއެކު ދިޔަ ޑޮކްޓަރާ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ގުޅައި، ބަލީގެ އަލާމާތެއް ހުރި މީހެއް ހުރިތޯ ބަލައި މޮނީޓާ ކުރެވިފައިވާ ކަމަށެވެ.

އުމްރާއިން މިއަދު 50 ދިވެއްސަކު ރާއްޖެ އައިސްފައިވެއެވެ. ދެން އުމްރާއިން ދިވެހިން އަންނާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް އަށް މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެފަވެއެވެ. ޕޮޒިޓިވްވި އެންމެންނަކީވެސް ބިދޭސީންނެވެ.