ޚަބަރު

ރޮހިންޔާ ދަރިކޮޅުގެ މީހުންގެ މައްސަލައަށް ދިވެހިރާއްޖެއިން ވަނުމުން އޯއައިސީއިން މަރުހަބާ ކިޔައިފި

އައިދާ އަބްދުލް ހަކީމް

ބައިނަލްއަގްވާމީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ކުރިއަށްދާ ރޮހިންޔާ މުސްލިމުންގެ މައްސަލައަށް ތަދައްހުލްވާން ދިވެހިރާއްޖެއިން ނިންމި ނިންމުމަށް، އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯ.އައި.ސީ)އިން މަރުހަބާ ކިޔާފައިވާ ކަަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އދ.ގެ ކޯޓަށް އެންމެ ފުރަތަމަ މިމައްސަލަ ހުށަހެޅީ ދަ ގެމްބިއާއިންނެވެ. މިދިޔަ ފެބްރުއަރީ މަހު ކުރިއަށްދިޔަ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް ގެމްބިއާއާއެކު މަސައްކަތްކުރުމަށް ރާއްޖެއިން އެމައްސަލައިގެ ތެރެއަށް ތަދައްހުލް ވާނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިއުލާން ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖެނީވާގައި ކުރިއަށްދިޔަ ސެކްރެޓަރީ ޖެނެރަލްސް އޯރަލް އަޕްޑޭޓްސްގައި ރޮހިންޔާ މުސްލިމުންގެ މައްސަލައިގައި އދއިން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މަޝްވަރާގައި އޯ.އައި.ސީގެ ފަރާތުން ރާއްޖެއަށް މަރުހަބާ ކިޔާފައިވަނީ ޕާކިސްތާނުން އިއްވި ސްޓޭޓްމަންޓްގައި ކަމަށެވެ. މިއީ ރާއްޖޭގެ ނިންމުމަކަށް އޯ.އައި.ސީ އިން މަރުޙަބާ ކީ ފުރަތަމަ ފަހަރު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ނިންމުމަށް، އޯ.އައި.ސީގެ ފަރާތުން މަރުހަބާ ކިޔަމުން ޕާކިސްތާނުން ބުނީ މިއީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ ހާލަތަކީ މިވަގުތު އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް އޯ.އައި.ސީއިން ދެކޭ ކަމަށެވެ.

ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އައި.ސީ.ޖޭ އިން މިޔަންމާ ސަރުކާރަށް އަންގާފައިވާ މި ދަނޑިވަޅުގައި، މި މައްސަލައަށް ތަދައްހުލްވާން ދިވެހިރާއްޖެއިން ނިންމި ނިންމުމަށް، އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީގެ 57 ގައުމު ހިމެނޭ ގޮތަށް، އިސްލާމީ އުއްމަތުން ވަނީ މަރުހަބާ ކިޔާފައެވެ. އަދި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި، އެމީހުންގެ ހައްގުތައް ހޯދުމަށް މަސައްކަތްކުރާ ގިނަ ޖަމިއްޔާ ތަކަކުން ވަނީ އެކަމަށް މަރުހަބާ ކިޔައި، ދިވެހިރާއްޖެއަށް ޝުކުރު އަދާކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

2018 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް ކުރެވޭ ކަންކަން ބެލުމަށް ވަޒީރުންގެ ފެންވަރުގެ ކޮމިޓީއެއް ހެދުމަށް ފާސްކުރެވުނެވެ. މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަން ހަވާލުކުރީ ދަ ގެމްބިއާ އާއެވެ.

ޖެހިގެންއައި 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި، ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހޯދުމަށް ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށަހެޅުމަށް މެންބަރު ހުރިހާ ގައުމަކުން އެއްބަސްވިއެވެ. އަދި ހަމަ އެ އަހަރު ސައޫދީ އަރަބިއްޔާގެ މައްކާގައި ބޭއްވި އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދީ، ހައްގުތަކަށް އަރައިގަތް މީހުންނަށް އަދަބު ދިނުމަށް ބައިނަލްއަގުވާމީ ކޯޓަށް އޯ.އައި.ސީގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ހުއްދަ ދަ ގެމްބިއާ އަށް ދިނެވެ.