ޚަބަރު

އީސީގެ ނައިބުރައީސް އަކުރަމްގެ އިތުރުން އިތުރު ތިން ބޭފުޅަކަށް ވެސް މަޖިލިސް ކޮމެޓީން ރުހުން ދީފި

އިބްރާހިމް ޒަކީ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހުމަދު އަކުރަމްގެ ދައުރު މިމަހު 23 އަށް ހަމަވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލެއްވި ފުރުސަތުގައި، އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްްވި ފަރާތްތަކުގެ ތެރެއިން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަަތަރު ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ވަނީ އެ ހަތަރު ބޭފުޅުންނާ އިންޓަވިއުކޮށްފައެވެ.

އެ ހަތަރު ބޭފުޅުންނާ ވަކި ވަކިން އިންޓަވިއު ކުރުމަށްފަހު ނެގި ވޯޓުގައި އެ ހަތަރު ބޭފުޅުންގެ ނަންވެސް ކޮމިޓީން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ. އީސީގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވަނީ އީސީގެ މިހާރުގެވެސް ނައިބު ރައީސް އަހުމަދު އަކުރަމްގެ ނަމެވެ.

ދެވަނައަށް ހިމެނިވަޑައިގަންނަވަނީ އީސީގެ ކުރީގެ މެންބަރެއް ކަމަށްވާ އަހުމަދު ފަޔާޒް ހަސަންގެ ނަމެވެ. ފަޔާޒް މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރު ކަމަށްވެސް ކުރިމަތި ލެއްވި އެވެ. ނަމަވެސް މަޖިލީހުން ރުހުން ލިބިވަޑައިގެންފައެއް ނުވެއެވެ.

ކޮމެޓީއަށް ފޮނުއްވި ނަންތައް:

އަހުމަދު އަކުރަމް ފަރީދީނޫރު ހއ. ހޯރަފުށީ

އަހުމަދު ފަޔާޒް ހަސަން މ.ހަޒާރީވިލާ

މަރިޔަމް ހަނީފާ ހާލިދު އަނބުގަސްދޮށުގެ ހއ.ކެލާ

އަހުމަދު މަންސޫރު ވ.ރިވެތި

ކޮމިޓީން މި ނަންތައް ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ.

އެ ބޭފުޅުންގެ ތެރެއިން އިސީއަށް އައްޔަން ކުރާނެ މެންބަރަކު ކަޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.