ޚަބަރު

ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފަހު ފުރުސަތު ހުޅުވާލައިފި

އައިދާ އަބްދުލް ހަކީމް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފަހު ފުރުސަތު އިލެކްޝަން ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ރަޖިސްޓަރީ މިހާރު އެކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ލިސްޓްތައް އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި މީގެއިތުރުން ވީއާރު ޖެހުމަށްފަހު އައިޑީކާޑު ނަންބަރާއި އެކު 1414އަށް އެސް.އެމް.އެސް ކޮށްގެން ވެސް ޗެކް ކުރެވޭނެ ކަމަށެވެ.

ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ ހުށަހަޅަން ޖެހޭނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށް އީސީން ބުނެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ޝަކުވާ ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކާއި، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލެ ސިޓީގައި ނަމަ އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) ގައި މާދަމާ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ކަމަށެވެ.

ރާއްޖެއިން ބޭރުގައި ނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނީ ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުން އެކަނި ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެވެ.