ފޮރިން މިނިސްޓްރީ

މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ބުނެ ފޮރިން މިނިސްޓްރީން ކުރި ޓުވީޓް ޑިލީޓްކޮށްލައިފި

ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ބުނެ ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓު ޑިލީޓްކޮށްލައިފި އެވެ.

ފޮރިން މިނިސްޓްރީގެ ރަސްމީ ޓުވީޓާ އެކައުންޓުން މިއަދު ކުރި ޓުވީޓުގައި މީގެ 65 އަހަރު ކުރީއްސުރެ ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތް އޮތުން ދަމަހައްޓަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ޓުވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޤިސާސްގެ ހުކުމް އެއީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ބުނި ކޮންމެ މީހަކު މުރުތައްދު ވާނެ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ހާލަތާ ގުޅިގެން އަދުލުވެރި ހުކުމެއް އަތުވެދާނެ ކަމަށް ޝައްކުވާތީ މިހާލަތުގައި އިހަށް މަރުގެ ހުކުމް ތަންފީޒު ކުރަން ނުފެންނަ ކަމަށް ބުންޏަކަސް އެމީހަކު ކާފަރު ނުވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ދީނީ އިލްމްވެރިޔާ، ޝެއިޚް އިލްޔާސް ހުސައިން ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހައްދުތަކާ ދެކޮޅަށް ސަރުކާރުން ކަންކަން ނިންމުމަކީ ކަނޑައެޅިގެން އިސްލާމްދީނަށް ކުރެވުނު މަލާމާތެއް އަދި ގޮންޖެހުމެއް ކަމަށާއި ކުރިން ގޯސްކޮށް ކަމެއް ކުރެވިފައި އޮތުމަކީ މިއަދު އެ ނިންމުން ދަމަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ބަޔަކު ރުއްސަން މަސައްކަތް ކުރުމުގެ ބަދަލުގައި ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށް މަސައްކަތްކުރުން މާ ބުއްދިވެރި އަދި މާ ހެޔޮކަން ބޮޑު ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މުސްލިމުންގެ ވާޖިބަކަށްވާން ޖެހޭނީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމާއި އެ ދީނުގެ ހުކުމްތައް މަތިވެރި ކުރުން ކަމަށާއި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އެންމެހާ ހުކުމްތަކަކީ ސަމާހަތްތެރި، ހިކުމަތްތެރި، މަތިވެރި ހުކުމެއް ކަމަށެވެ.