އަލީ ޔާމިން
ކޮވިޑް 19އަށް ޝައްކު ކުރެވިގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކަރަންޓީނު ކުރި އަށް މަހުގެ ކުއްޖާ، ވައިރަހަށް ނެގެޓިވް ވުމުން އެ ރިސޯޓަށް އަރައިފޭބުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި އެވެ.
ރީތިރަށް ރިސޯޓުގައި ހުރި ތުއްތު ކުއްޖެއްގެ ގައިން ކޮވިޑް 19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފާހަގަކުރެވިގެން އެ ކުއްޖާ ކަރަންޓީނުކޮށް، އެ ރިސޯޓަށް އަރައިފޭބުން މަނާކުރީ އިއްޔެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ކޮވިޑް19އާ ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކަރަންޓީނު ކުރި ތުއްތު ކުއްޖާ ބައްޔަށް ނެގެޓިވް ވުމުން މިއަދު އެ ރިސޯޓުގެ ކަރަންޓީނު ވަނީ ނިމުމަކަށް ގެނެސްފައި ކަމަށެވެ.
މިއާއެކު ކޮވިޑް 19އާ ގުޅިގެން ވަގުތީ ގޮތުން އަރައި ފޭބުން މަނާކޮށްފައި އޮތީ ރާއްޖޭގެ ތިން ރިސޯޓެކެވެ. އެއީ ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް 19 ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އަދި ކުރަމަތި އައިލެންޑް ރިސޯޓެވެ.
ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް 19 އަށް ހަ މީހަކު ޕޮޒިޓިވް ވެފައެވެ.