ޚަބަރު

ދައުލަތުގެ ކުންފުންޏަކުން ހެޔޮއަގެއް ހުށަހަޅާފައި ވަނިކޮށް 25 މިލިއަން ބޮޑުކޮށް ސަރުކާރުގައި މަޝްރޫއެއް ދިން: އަފީފު

އިބްރާހިމް ޒަކީ

ދައުލަތުގެ 90 ޕަސެންޓު ހިއްސާ އޮތް ކުންފުންޏަކުން ހެޔޮ އަގެއް ހުށަހަޅާފައި ވަނިކޮށް، 25 މިލިއަން ރުފިޔާ ބޮޑުކޮށް އަގު ހުށަހަޅާފައިވާ ބަޔަކަށް ސަރުކާރުން މަޝްރޫއެއް ހަވާލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ގާނޫނުތައް އިސްލާހުކޮށް، ގާނޫނުތައް ހަދައި އެކި އެކި މަގާމުތަކަށް މީހުންވެސް އައްޔަން ކުރެވިދާނެ ކަމަށެވެ.

ނަމަވެސް އެކަންތައްތަކުން ރައްޔިތުންނަށް ފައިދާ ކުރުން އޮންނާނީ ކަންކަން ތަންފީޒު ކުރަން ތިބޭ ފަރާތްތަކުގެ ހުރި އިހުލާސްތެރިކަމާއި ނަޒާހަތްތެރި ކަމުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ، މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހެކޭ ކިޔައިގެން ތިބޭއިރު ތިމާމެންގެ ކިބައިގައި ނަޒާހަތްތެރިކަން ހުރީ ކިހާ ވަރަކަށްތޯ ވެސް ބަލައިލަން ޖެހޭ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ކަންތައްތައް ކޮށްފައި ހުރި ވާހަކަ ދައްކާއިރު، މި ސަރުކާރުން އެފަދަ ކަންތައްތައް ކުރަމުންދޭތޯ ބަލަން ޖެހޭ ކަމަށާއި، މި ސަރުކާރުގެ ތެރޭގައިވެސް އެކަހަލަ ކަމެއް ހިނގާނަމަ އެކަން ހުއްޓުވަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ހަމަ މިސާރުކާރު އައިފަހުން ހިނގާފައި އޮތް ކަމެއް، ދައުލަތުގެ 90 ޕަސެންޓް ހިއްސާވާ ކުންފުންޏަކުން އަގު ހެޔޮކޮށް ހުށަހަަޅާފަ އޮއްވާ ކުރީގެ ސަރުކާރުގައި ހަމަ މި ކޮރަޕްޝަންގެ ކަންތައް ހިންގަމުންދިޔަ ކުންފުންޏަކަށް 25 މިލިޔަން ރުފިޔާ އިތުރަށް ހުށަހަޅާފައި އެމީހުންނަށް މިއޮތީ ހަވާލުކޮށްފަ. އެ ޕްރޮޖެކްޓަށް ގެންނަން ޖެހޭ މުދާވެސް ގެނެސް އެކަންތަައްތައް ނިންމާލާފަ މިއޮތީ،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ މިކަންތައްތައް މަޖިލީހުން ބަލަން ޖެހޭ ކަމަށެވެ.

އަފީފު އިތުރަށް ވިދާޅުވީ، އެކަން އެގޮތަށް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އުސޫލު އޮންނަނީ އެފަދަ ކަންކަން ބެލޭ ގޮތަށް ނޫން ކަަމަށެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ހުށަހަޅާފައިވާ ކަމަށް ވެސް އަފީފު ވިދާޅުވިއެވެ.

"މާލިއްޔަތު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މިސިޓީ ލިބުނަސް ކަން ހުންނަ ގޮތުން މާލިއްޔަތު ކޮމިޓީން ބެލޭ ކަމަކަށްވެސް ނުވޭ، މަޖިލީހުގެ ރައީސަށްވެސް ވަނީ މި ސިޓީ ފޮނުވައިފަ،" އަފީފު ވިދާޅުވިއެވެ.