ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމެއް ކަމަށްވާ އިޓަލީގެ ވެރިރަށް ރޯމުން މިއަދު ހެނދުނު އެނބުރި އައި ދެ ދިވެއްސަކު ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނީ އިޓަލީން އައި ދެމީހުން ކަަރަންޓީނު ކުރަނީ ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށެވެ. ނަމަވެސް އެ ދެމީހުން ކަރަންޓީނު ކުރަނީ ކޮން ރަށެއްގައި ކަމެއް އެޗްޕީއޭއަކުން ނުބުނެ އެވެ.
ކޮވިޑް 19އަށް ޝައްކު ކުރެވޭ މީހުންނާއި އެބަލި ޖެހިފައިވާ މީހުން ރާއްޖޭގައި ކަރަންޓީނު ކުރަނީ ވިލިވަރާއި ފަރުކޮޅުފުށީގަ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކަށް ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ، ބޭރު ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް އެހީތެރިވެދޭނެ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުންޏެވެ.
ނަމަވެސް ކޮވިޑް 19ގެ ހައި ރިސްކް ގައުމަކުން އެނބުރި އަންނަ މީހެއް ނަމަ ކަރަންޓީނު ވެގެން 14 ދުވަސް ހޭދަކުރަން ޖެހޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮރޯނާ ވައިރަސްއާ ގުޅޭ މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ މަންދޫބު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ރޭ ވިދާޅުވީ، ޒަރޫރީ ނޫން ދަތުރުތައް ރާއްޖޭން ބޭރަށް ކުރުން މިވަގުތަށް މަޑު ޖައްސާލަން ޖެހޭ ކަމަށާއި ޒަރޫރީ ބޭނުމަކަށް ދަތުރެއް ކުރާ ނަމަވެސް އެ ދަތުރާ ބެހޭ މައުލޫމާތު ފޮރިން މިނިސްޓްރީއަށް ދޭން އެ މިނިސްޓްރީން އެދޭ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވަނީ ހަ މީހެކެވެ.