ޚަބަރު

ކޮވިޑް 19 އަކީ ހަމައެކަނި ރޯގާއެއް ކަމަށް ބުނެ ފަރުޖައްސައިލެވޭކަށް ނެތް: ރޮޒޭނާ

އަލީ ޔާމިން

ކޮވިޑް 19އަކީ، ހަމައެކަނި ރޯގާއެއް ކަމަށް ބުނެ ފަރުޖައްސާލައިގެން ނުތިބެވޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޭ ކުރެއްވި ޓުވީޓެއްގައި ރޮޒޭނާ ވިދާޅުވީ، ކޮވިޑް 19އަކީ ހަމައެކަނި ރޯގާއެއް ކަމަށް ބުނެ ބޭރުތެރެއަށް ނުކުމެ އުޅުން ބުއްދިވެރި ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ހޮސްޕިޓަލުތަކުގައި އެއްފަހަރާ ގިނަ ބަޔަކަށް ފަރުވާ ދިނުމުގެ ގާބިލުކަން ނެތްކަން ފާހަގަކުރައްވައި ރޮޒޭނާ ވިދާޅުވީ، ފަރުވާ ނުދެވިއްޖެނަމަ އެ ބަލީގައި މީހުން މަރުވާ ކަމަށެވެ.

ރޮޒޭނާ ވިދާޅުވީ، ކޮވިޑް 19އިން ރައްކާތެރިވުމަށް ކުރެވެން ހުރި އެންމެހާ ކަންކަން ކުރުމަކީ މިވަގުތަށް ބަލާއިރު އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.

ރާއްޖެއިން ވަނީ ކޮވިޑް 19އަށް ހަ މީހަކު ޕޮޒިޓިވް ވެފައެވެ. އަދި ރާއްޖެ ހިމެނޭހެން ކޮރޯނާ ވައިރަސް ދުނިޔޭގެ 110 ގައުމަކަށް ވަނީ ފެތުރިފައެވެ. އެ ބަލި 119،000 ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު، ބަލީގެ ސަބަބުން 4،000 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.