ޚަބަރު

ކޮންމެހެން ދާން ޖެހިގެން ނޫނީ ރާއްޖެއިން ބޭރަށް ނުދިޔުމަށް އިލްތިމާސްކޮށްފި

އަލީ ޔާމިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން ސަރުކާރުން އިލްތިމާސްކޮށްފި އެވެ.

ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ދަތުރުތައް ނޫން ދަތުރުތައް ނުކުރަން ފޮރިން މިނިސްޓްރީން އެދޭ ކަމަށެވެ.

"ކޮންމެހެން ޒަރޫރީ ބޭނުމަކަށް ރާއްޖޭން ބޭރަށް ކުރަން ޖެހޭ ދަތުރެއް ނޫނީ މި ވަގުތަށް މަޑުޖައްސާލުމަކީ ވަރަށް މުހިންމު ކަމެއް" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ޒަރޫރީ ބޭނުމަކަށްވެސް ރާއްޖެއިން ބޭރަށް ދަތުރުކުރާ ނަމަ ފޮރިން މިނިސްޓްރީގައި ރަޖިސްޓަރީވާން އެދޭ ކަމަށާއި، އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓަރީ ވެވޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން އެ މީހަކު ދިރިއުޅޭ ސަރަހައްދަކާ އެންމެ ކައިރީގައި ހުންނަ ދިވެހި އެމްބަސީއެއްގައި ރަޖިސްޓަރީވާން ވެސް ފޮރިން މިނިސްޓްރީން އެދޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ފޮރިން މިނިސްޓްރީގެ އެއްވެސް ހިދުމަތަކާ ބެހޭ މައުލޫމާތު ބޭނުން ނަމަ އެ މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅުމަށް މަބްރޫކު އެދިވަޑައިގަތެވެ.

ކޮވިޑް 19އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ހަ މީހުންނެވެ.