އަވަށްޓެރި ސްރީލަންކާގެ ރައްޔިތަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ ލަންކާ ރައްޔިތަކު މި ބައްޔަށް ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ.
ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގައި ކޮވިޑް 19 ޖެހިފައިވަނީ މެދު އުމުރުގެ ފިރިހެނަކަށެވެ. އަދި އޭނާއަކީ އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ މީހެއްގެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވްވި ލަންކާ މީހާއަށް އަންނަނީ އެގައުމުގެ އައިޑީއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ސްރީ ލަންކާގެ ރައްޔިތަކަށް ކޮވިޑް 19 ޖެހުމާއެކު އެގައުމުގެ ސަރުކާރުން އަންނަނީ އެގައުމަށް ޒިޔާރަތްކުރި އިޓަލީ ޓޫރިސްޓުން އުޅެފައިވާ ތަންތަން ދެނެގަތުމާއި އެ މީހުންނާ ކޮންޓެކްޓްވެފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އިޓަލީއަކީ ޗައިނާ ފިޔަވައި އެންމެ ގިނައިން ކޮރޯނާ ވައިރަސްގެ ސަބަބުން މީހުން މަރުވެފައިވާ ގައުމެވެ.
ލަންކާ ސަރުކާރުން ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް އެގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިފައެވެ.
ލަންކާއިން މީގެ ކުރިންވެސް ކޮރޯނާ ވައިރަސް ފެނިފައިވާއިރު އެގައުމުގައި ފުރަތަމަ ކޮވިޑް 19 ޖެހުނީ ޗައިނާގެ ހުބޭ ޕްރޮވިންސުން އެ ގައުމަށް ދިޔަ ޗައިނާ އަންހެނަކަށެވެ. ނަމަވެސް އޭނާއަށް ފަރުވާދީ މިހާރު ވަނީ ރަނގަޅުވެފައެވެ.