ޚަބަރު

ބިދޭސީންނަށް ހާއްސަ ފްލޫ ކުލިނިކެއް ހުޅުވައިފި

ކޮވިޑް-19 ފެތުރޭތީ، ބިދޭސީންނަށް ހާއްސަކޮށްގެން ފްލޫ ކުލިނިކެއް މާލޭގައި ހުޅުވައިފިއެވެ.

ރޯގާގެ އަލާމާތްތައް ހުންނަ މީހުން ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުގޮސް ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ވަނީ މާލޭގައި ވެސް ދެ ކުލިނިކެއް ހުޅުވައިފައެވެ. އެއީ ސެނެހިޔާގައި ގާއިމުކުރި ފްލޫ ކުލިނަކާއި މާލެ ހިޔާ ދޭއްގެ ފުރަގަހުގައި ހުންނަ ޖާގައިގައި ގާއިމްކުރި ޓްރެވަލް ކުލިނިކެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ތިން ވަނަ ކުލިނިކު ހުޅުވާފައިވަނީ ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށް، ސަރުކާރާ ހަވާލުކޮށްފައިވާ ޕްރީ ސްކޫލުގައި ކަމަށެވެ.

އެތަން ހާއްސަކޮށްފައިވަނީ ބިދޭސީންނަށް ކަމަށާއި އެތަނަށް ދާއިރު ވޯކްޕާމިޓެއް ކަހަލަ އެއްޗެއް ދައްކާކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކުލިނިކުން ހިދުމަތް ދޭނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ.

ބިދޭސީންނަށް މިފަދަ ގޮތަކަށް ހިދުމަތްދޭ ކްލިނިކެއް ގާއިމްކޮށްފައި މިވަނީ ސައްްހަ ލިޔެކިއުންތައް ނެތް ގިނަ އަދަދެއްގެ ބިދޭސީން އުޅޭތީ، ރޯގާގެ އަލާމާތްތައް ފެނުނަސް އެމީހުންގެ އަތުގައި ލިޔެކިޔުމެއް ނެތުމުން ޑޮކްޓަރަށް ދައްކަން ނުގޮސް ތިބެދާނެ ކަމުގެ ކަންބޮޑުވުންތައް ބައެއް ފަރާތްތަކުން ފާޅުކޮށްފައި ވަނިކޮށެވެ.

މަބުރޫކު އިތުރަށް ވިދާޅުވީ، ކޮވިޑް 19 އަށް ރާއްޖެއިން މިހާތަނަށް 75 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 65 މީހެއްގެ ސާމްޕަލް ނެގެޓިވް ވެފައިވާއިރު ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަަށާއި އަދި އިތުރު ދެ ސާމްޕަލް އެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި ޖެހިފައިވަނީ ހަ މީހަކަށެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކަށާއި ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހަކަށެވެ. މި އެންމެންނަކީ ވެސް ބިދޭސީން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.