ޚަބަރު

މިދައުރުގެ ތެރޭގައި މާލޭގެ ގިނަ ބަޔަކަން ބޯހިޔާވަހިކަން ފޯރުކޮށްދޭނަން: މިނިސްޓަރު އަސްލަމް

އައިދާ އަބްދުލް ހަކީމް

2

މިދައުރުގައި މާލޭގެ އާބާދީގެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މި ސަރުކާރުން ފަށާ އެންމެ ފުރަތަމަ ހައުސިން ޕްރޮޖެކްޓް، "ފަހި ދިރިއުޅުން" މަޝްރޫއުގެ ދަށުން ސަރުކާރުން އިމާރާތްކުރާ 1700 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި މަޝްރޫއުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ރައްޔިތުންގެ އާމްދަނީ އާއި، ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށްފަހު ކަމަށެވެ.

އަސްލަމް ވިދާޅުވީ ވޭތުވެ ދިޔަތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދިގުލައިގެންދިއުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުން މިދައުރުގެ ތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، މާލޭގެ އާބާދީގެ ގިނަ ބަޔަކަން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުގައި ފެށި އެއްވެސް ހައުސިން ޔުނިޓެއް ދައުރުގައި ނިމިފައެއް ނުވޭ، އަޅުގަނޑުމެން މި ސަރުކާރުން މިދައުރުގެ ތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، މާލޭގެ ބޮޑު ބަޔަކަން ބޯހިޔާވަހިކަން ފޯރުކޮށްދޭނަން. މި އެޕާޓްމެންޓްތަކަށް ވަދެވޭނެ މި ފަސްއަހަރުގައި. މިދިޔަ ދައުރުގައި ފްލެޓްތަކުގައި 550 އަކަފޫޓު ހުންނައިރު މިކަމުގެ އުނދަގޫ ރައްޔިތުން ތަހައްމަލުކުރާނެ. މިގޮތަށް އަޅުގަނޑުމެން ބިނާކުރާ ފްލެޓްތަކުގެ ކަންތައްތަކެއް ކުރިމައްޗެއް ނުވާނެ." އަސްލަމް ވިދާޅުވިއެވެ.

"ފަހި ދިރިއުޅުން" މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަޅާ 1700 ހައުސިންގ ޔުނިޓްތަކުގެ ބިންގާ އަޅުއްވާދެއްވީ މިނިސްޓަރ އިފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓަރކްޗަރ މުހައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް އާމިނަތު އާތިފާގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިސްވެރިންނާއި މިމަޝްރޫއު ހަވާލުކޮށްފައިވާ ސައިނޯހައިޑްރޯ ގްލޯބަލްގެ އިސްވެރިންނެވެ.

މި މަޝްރޫއުގެ ދަށުން 15 އަދި 16 ބުރީގެ 11 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައުސިން ޔުނިޓްތަކުގެ ތެރޭގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމަންޓް ހިމެނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟