ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިން ވެސް ފެނިފައިވާތީ ދަރިވަރުންނާއި މުދައްރިސުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދު ކުރަން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.
އަލްހާން "ވަން" އަށް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ކޮވިޑް 19 ފެތުރެން ފެށި ކަމަށް ބެލެވޭ އިޓަލީގެ ފަތުރުވެރިޔާ މާގިރި ހޮޓެލްގައި މަޑުކޮށްފައިވާއިރު އެމީހާ އެހެން މީހުންނާ ކޮންޓެކްޓު ވެފައިވުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.
އެހެންކަމުން އެފަދަ ހާލަތެއްގައި ސްކޫލުތައް ހުޅުވައިގެން ދަރިވަރުންނަށް ބަލި ޖެހުމުގެ ފުރުސަތު ނުދީ ސުކޫލުތައް ބަންދުކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށާއި އަދި އެއީ ބަލި ފެތުރިގެން ނިދިއުމަށް ވެސް އެޅިގެންދާނެ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އަލްހާން އިތުރަށް ވަނީ ސްކޫލުތަކުގެ އިތުރު ހަރަކާތްތައް ނުބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގާފައިވީ ނަމަވެސް އަދިވެސް އެފަދަ ހަރަކާތްތައް ބާއްވަމުން ގެންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ސްކޫލުތައް ބަންދުކުރުމުން އެފަދަ ހަރަކާތްތައް ވެސް ބޭއްވުމުގެ ފުރުސަތު ކުޑަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެއަށް އަރައި ފައިބާ މީހުން އައިޑެންޓިފައި ނުކުރެވޭކަން ފާހަގަކުރައްވާ އަލްހާން ވިދާޅުވީ، ރިސޯޓުތަކުން މާލެއަށް އެކި ދިމަދިމާލުން މީހުން އަރައި ފައިބާއިރު އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެފަދަ މީހުން ދެނެގަނެވޭނެ ގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމަށެވެ.
ސުކޫލުތައް ބަންދުކުރަން އަލްހާން ގޮވާލިއިރު ސްކޫލުތަކުގެ މިޑް ޓާމް ޗުއްޓީއަށްފަހު އަންނަ ހަފްތާގައި ސްކޫލުތައް ނުހުޅުވުމަށް ރާއްޖޭގެ ބައެއް ޑޮކްޓަރުންނާއި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ވެސް ވަނީ ގޮވާލައިފައެވެ.
އެގޮތުން އޭޑީކޭގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އެ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވެސް ވިދާޅުވީ، ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ސްކޫލުތައް ބަންދުކޮށްފައި ބޭއްވުމަކީ މި ވަގުތަށް ބަލާ އިރު އެންމެ ރައްކާތެރި ގޮތް ކަމަށެވެ.
އޭގެ އިތުރުން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ވެސް ވަނީ، ކޮވިޑް 19 ރާއްޖެއިން ފެނިފައިވާތީ އެބަލި ކޮންޓްރޯލް ކުރުމަށް ސްކޫލުތައް ހިމެނޭ ގޮތަށް އާންމު އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކޮށްފައެވެ.