ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން ފުރައިގެން ދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވް ވި އިޓަލީގެ ފަތުރުވެރިޔާގެ މައްސަލައިގައި ބައެއްގެ އިހުމާލު އޮތް ކަމަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކޮރޯނާވައިރަހަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުން ފެނުނީ ވެސް ކުރެއްދޫ ރިސޯޓުންނެވެ. އެއީ އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި އެ ރިސޯޓުގެ ޑޮކްޓަރު ވެސް ހިމެނެއެވެ. އެ އެންމެން މިހާރު ވަނީ ފަރުކޮޅުފުއްޓަށް ގެނެސް އެކަހެރިކޮށްފައެވެ.
އެ ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބެއް ކަމަށް ބެލެވެނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ. ނަމަވެސް އެކަން އެނގުނީ އެ މީހާ އެނބުރި އިޓަލީއަށް ގޮސް، ކޮރޯނާވައިރަހަށް ޕޮޒިޓްވުމުން، އެކަން ދިވެހި ސަރުކާރަށް އެންގުމުންނެވެ.
ނަމަވެސް އެ މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން އެ މީހާ ބަލިވެ ތަކުރާރުކޮށް ޑޮކްޓަރަށް ދެއްކި ކަމަށާއި އެއާޕޯޓަށް އައިސް ފުރަތަމަ ނުފުރުނީ ބަލި ބޮޑުކަމުން ކަމަށް ބުނެވެސް ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އަދި އޭނާގެ ފުށުން ބަލީގެ އަލާމާތްތައް ފެނި ރިސޯޓުގައި އެޑްމިޓްކުރި ކަމުގެ ވާހަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ.
މާލޭގައި ހުންނަ މާގިރި ހޮޓަލުގައި މި މަހުގެ އެކެއް އަދި ދެވަނަ ދުވަހު އެމީހާ ހުރި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މާގިރި ހޮޓަލުން އޭނާއާ ބައްދަލުވި 15 މުވައްޒަފަކު މިހާރު ވަނީ އެކަހެރިކޮށްފައެވެ. އަދި އެ މީހާ ޓިކެޓުގެ ކަމެއްގައި ޔުނިވާސަލްގެ ޓިކެޓު އޮފީހަށް ގޮސްފައިވާތީ އެތަނުން ބައްދަލުވި މުވައްޒަފު މިއަދު ވަނީ ކަރަންޓީނު ކޮށްފައެވެ. ނަމަވެސް، އޭނާ އެ ވައިރަހަށް ނެގެޓިވްކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.
އެ ތުހުމަތުތައް ތަހުގީގު ކުރަން ފުލުހުން ފަށާފައިމިވަނީ، އެކަމުގެ ޖިނާއީ ތަހުގީގެއް ކުރުމަށް އެ މުއައްސަސާއަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އަންގަވާއިފައިވާތީއެވެ.
ފުލުހުން މިއަދު ބުނީ 23 ފެބްރުއަރީގައި ރާއްޖެ އައި އެ ފަތުރުވެރިޔާގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނި، ބަލިހުރިކަން ދެނެގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި އެކަމުގެ ސަބަބުން ކޮވިޑް 19 ރާއްޖޭގައި ފެތުރުމުގައި އެ ފަތުރުވެރިޔާގެ މައްސަލަ އަންގަންޖެހޭ ފަރާތްތަކަށް ނާންގައި، އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ފަރުވާކުޑަކޮށް އިހުމާލުވެފައިވޭތޯ ބެލުމަށް އެ މައްސަލަ މިއަދު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ކޮވިޑް 19 އަށް ރާއްޖެއިން މިހާތަނަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި މީހުންނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ.
ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން ރާއްޖޭގެ ހާލަތު ވަނީ ވައިޓް އެލާޓުން ޔެލޯ އެލާޓަށް މަތިކޮށްފައެވެ. އަދި މިހާތަނަށް ފަސް ރިސޯޓަކަށް އަރައި ފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.
އެއީ ކުރެއްދޫ އާއި ބަތަލާގެ އިތުރުން ވިލަމެންދޫ އައިލެންޑް ރިސޯޓާއި ކުރަމަތި މޯލްޑިވްސްގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓެވެ.