ޚަބަރު

ކޮވިޑް 19 : ގައިދީންނާއި އޮފިސަރުންގެ ރައްކާތެރިކަމަށް ޖަލުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ރާއްޖެއިން ވެސް ކޮވިޑް 19 ފެނިފައިވާތީ ގައިދީންނާއި އޮފިސަރުންގެ ރައްކާތެރިކަމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖަލުތަކުގައި ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ނޭޝަނަލް ޓާސްކުފޯސްއާ ގުޅިގެން ގައުމީ ފެންވަރުގައި އަޅަން ހަމަޖައްސާފައިވާ އުސޫލުތަކާއި އެއްގޮތަށް ގައިދީންނާއި ބަންދު މީހުން އަދި ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތީ އެންމެހޭ ކަންތައްތައް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ހުން އައިސް، ކެއްސައި، ކިނބިހިއަޅާ އެއްވެސް އޮފިސަރަކު ގައިދީންނާ ދިމާނުވާނޭ ފަދަ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު ޖަލަށް ޑިއުޓީ ކުރަން ވަންނަ އޮފިސަރުންގެ ހުން ޗެކް ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ. އަދި ގައިދީއެއް ނުވަތަ ބަންދު މީހެއްގެ ކިބައިން މިފަދަ އަލާމާތްތައް ފަހަގަ ކުރެވިއްޖެ ހާލަތެއްގައި އަޅާނެ ފިޔަވަޅުތައް ވެސް ވަނީ ކަނޑައަޅައިފައެވެ.

އޭގެ އިތުރުން ކޯޓުތަކުގެ އެދުމުގެ މަތިން ބަލީގެ އަލާމާތްތައް ހުންނަ ގައިދީންނައި ބަންދުމީހުން ކޯޓަށް ހާޒިރުކުރުން މަޑު ޖައްސާލަން ނިންމާފައިވާއިރު، އެފަދަ އެއްވެސް ފަރާތެއް ގައިދީންނާއެކު އާއިލީ ނުވަތަ އެކަހެރި ބައްދަލުވުމަށް ހާޒިރުނުވުމަށް އާއިލާތަކަށް ކަރެކްޝަންސް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކަރެކްޝަންސް އިން ބުނީ، އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކަށް އަންނަ އެއްވެސް ފަރާތެއްގެ ކިބައިން ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، އެ ބައްދަލުވުން ކެންސަލްކޮށް، އޭގެ ބަދަލުގައި ފޯނު ކޯލުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވަ ކަމަށެވެ.

އޭގެ އިތުރުން ޖަލުތަކުގައި ވައިރަހާ ގުޅިގެން ސަލާމަތީ ކަންތައްތައް މޮނީޓާކޮށް ބެލެހެއްޓުމަށް ކަރެކްޝަންސް އިން ވަނީ ހާއްސަ ޓާސްކުފޯހެއް އެކުލަވައިލައިފައެވެ.

ކަރެކްޝަންސް އިން ބުނީ، އެ ޓާސްކުފޯސް އިން ޖަލުތަކުގައި ކޮރޯނާވައިރަހާ ބެހޭ މައުލޫމާތު ހިއްސާކޮށް، ޖަލުތަކުން ރައްކާތެރިކަމަށް ބޭނުންވާ މާސްކު ފަދަ ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ.