މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1700 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން އިމާރާތްކުރާ އެ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން 15 އަދި 16 ބުރީގެ 11 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައުސިން ޔުނިޓްތަކުގެ ތެރޭގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމަންޓް ހިމެނެއެވެ.
ހައުސިން މިނިސްޓްރީން ބުނީ، ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނާ ގުޅިގެން ހިންގާ އެ މަޝްރޫއަށް ހަރަދުވާނީ 133 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ) ކަމަށެވެ. އަދި އެ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފަށައި ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ލަފާކުރެއެވެ.