މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް 19 ރާއްޖެއިން ފެނުމާއި ގުޅިގެން މޯލްޑިވިއަން އާއި ސްޓެލްކޯގެ ހިދުމަތްތައް އިލްތިމާސް ކޮށްފިއެވެ.
މޯލްޑިވިއަން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް ބާރު އެޅުމުގެ ގޮތުން ޓިކެޓު ނެގުމަށް އެ އެއާލައިންގެ އޮފީހަށް ދިއުމުގެ ބަދަލުގައި ވެބްސައިޓާއި ވައިބާގެ އިތުރުން މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ނެގުމަށް އިލްތިމާސްކުރާ ކަމަށެވެ.
ސްޓެލްކޯ އިން ވެސް ބުނީ، ކޮވިޑް 19 އާ ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ކުންފުނީގެ ވެބްސައިޓްގެ އިތުރުން މޯބައިލް އެޕް މެދުވެރިކޮށް އެންމެ ގިނައިން ކަސްޓަމަރުން ހޯދާ ހިދުމަތްކަމުގައިވާ ބިލު ދެއްކުން ފަދަ ހިދުމަތްތައް ހޯދަން އިލްތިމާސް ކުރާ ކަމަށެވެ.
އެގޮތަށް އަމަލު ކުރުމުން، ޓެކްނޮލޮޖީގެ މިފަދަ ވަސީލަތްތަކަށް ބަވަނަވެފައިވާ ދުނިޔޭގައި ހިދުމަތް ހޯދާ ފަރާތްތަކަށް އަދި ތަނަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނީގެ އެހެނިހެން ހިދުމަތްތަކާއި ގުޅޭމައުލޫމާތު ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ނަންބަރު 3314949 ގުޅުމަށް އެދޭކަމަށެވެ.
ސްޓެލްކޯ އާއި މޯލްޑިވިއަން އިން މިގޮތަށް އިލްތިމާސް ކޮށްފައިވާއިރު، އެމްޑަބްލިއުއެސްސީ ވެސް ވަނީ އެކުންފުނީގެ ބިލުތައް ދައްކަން ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ބިލުތައް ދެއްކުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން އެކުންފުނީގެ އެޕު މެދުވެރިކޮށް ކޮންމެ މަހެއްގެ ފެން ބިލަށް އަރާވަރު ބެލޭނެ ކަމަށާއި ކިއުގައި މަޑުނުކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ބިލު ދެއްކޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން އޮންލައިންކޮށް ފެނާއި ނަރުދަމާގެ ހިދުމަތަށް އެދި ފޯމު ހުށަހެޅުމާއި ގޭގައި ތިބެގެން ސްޓޭޓަސް ބެލޭނެ ކަަމަށް ވެސް އެކުންފުނިން ބުނެއެވެ.