މާލެއިން ކޮވިޑް19 ފެނުނު ނަމަ ސްކޫލުތައް ބަންދު ކުރާނެ ކަމަށް ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މާލެއިން ކޮވިޑް 19 ފެނުނު ނަމަ މާލޭގެ ސްކޫލުތައް ބަންދު ކުރާނެ ކަމަށެވެ. ނަމަވެސް މިވަގުތު ސްކޫލުތައް ބަންދު ކުރަން ޖެހޭ ސަަބަބެއް ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް 19 މާލެއިން ފެނިއްޖެ ނަމަ އެލާޓް ލެވެލް ބަދަލުވާނެ ކަމަށާއި އެއާއެކު ސްކޫލުތައްވެސް ބަންދުކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ކޮވިޑް 19ގެ މި ވަގުތުގެ ހާލަތަށް ބަލާ އިރު އެންމެ ބުއްދިވެރި ގޮތަކީ ސްކޫލުތައް ބަންދުކޮށްފައި ބޭއްވުން ކަމަށް ކުޑަކުދީންގެ ހާއްސަ ޑޮކްޓަރު، ޑރ. ނިޔާފް ވަނީ ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ބަންދަށް ފަހު ސްކޫލުތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
ކޮވިޑް 19 ޖެހިފައިވާ ހަ މީހަކު ރާއްޖޭން މިހާ ތަނަށް ފެނިފައިވާ އިރު، އިތުރު މީހުންނަށް އެކަހެރިކޮށްގެންނާއި ކަރަންޓީނުކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. މި ހާލަތުގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި މީހުން އެއްވާ ފަދަ ހަރަކާތްތައް ވެސް ނުހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެޗްޕީއޭގެ މި އިލްތިމާސާއި ގުޅިގެން ރާއްޖޭގައި އެކި މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ ގިނަ ހަރަކާތްތައް ވަނީ ހުއްޓާލާފަ އެވެ.