ޚަބަރު

މާގިރި ހޮޓެލް 'ޑިސްއިންފެކްޓް' ކުރުމަށް ވަގުތީ ގޮތުން ބަންދުކޮށްފި

އައިދާ އަބްދުލް ހަކީމް

ޅ. ކުރެއްދޫން ފުރައިގެން ދިޔަ ފަހުން ކޮވިޑް19 ޖެހިފައި ހުރިކަން އެނގުނު އިޓަލީ މީހާ މާގިރި ހޮޓަލުގައި މަޑުކޮށްފައިވާތީ އެތަން މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރަން ނިންމައިފިއެވެ.

މާގިރި ހޮޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުވައްޒަފުންނާއި ގެސްޓުންގެ ސަލާމަތަށްޓަކައި ބަލަމުން އަންނަ ކަންކަން ބަލައި ހޮޓާ ޑިސްއިންފެކްޓް (ޖަރާސީމު ނައްތައިލުމަށް ސާފުކުރުމަށް) ހިދުމަތްތައް ވަގުތީގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ކުރެއްދޫ ރިސޯޓުން ފުރައިގެން ދިޔަ ފަހުން ކޮވިޑް19 ހުރިކަން އެނގުނު އިޓަލީ މީހާ ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އޭނާ ހުރީ މާގިރި ހޮޓަލުގައިކަން ޔަގީން ކުރެވިފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ އިއުލާން ކޮށްފައެވެ.

އެހޮޓަލުގެ 15 މުވައްޒަފަކާ އެ ފަތުރުވެރިޔާ ކޮންޓެކްޓްވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ކޮރޯނާވައިރަސްގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން މާގިރި ހޮޓަލުން އެމީހާއާ ކޮންޓެކްޓުވި 15 މުވައްޒަފުން އެކަހެރިކޮށްފައިވާ އިރު އޭގެން އެއްވެސް މީހެއްގެ ފަރާތުން މިހާތަނަށް ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ކޮރޯނާވައިރަސްގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް19 އަށް ހަ މީހަކު ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި އެންމެންނަކީ ރާއްޖެއިން ބޭރު މީހުންނެވެ.