ކައުންސިލް އިންތިހާބުގައި ވޯޓު ލާއިރު، ވޯޓު ކަރުދާސްކޮޅުގައި ބާތިލު ވާ ގޮތަކަށް ފާހަގަ ޖަހައިފިނަމަ، އެ ވޯޓު ކަރުދާހުގައި ހިމެނޭ އެހެން ކެންޑިޑޭޓުންގެ ވޯޓާއެކު މުޅި ވޯޓު ކަރުދާސް ބާތިލު ވާ ގޮތަށް ގާނޫނުގައި އޮތް ގޮތް ބަދަލުކޮށް، އެ ވޯޓު ކަރުދާހުގައި ހިމެނޭ ބާތިލު ވޯޓު އެކަނި ބާތިލު ވާ ގޮތަށް ގާނޫނު އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފިނަމަ ވޯޓު ކަރުދާސް އެއްކޮށް ބާތިލް ވާނެ އެވެ.
އެ ގާނޫނަށް ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައި އޮތްނަމަ ބާތިލު ވާނީ މުޅި ވޯޓް ކަރުދާސް ނޫން ކަމަށާއި ހަމައެކަނި ވޯޓް ކަރުދާހުގައި އޮންނަ އެ ވޯޓް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ގާނޫނަށް މި އިސްލާހު ގެންނަން ފާސްކުރީ، މި ބިލު މިއަދުން މިއަދަށް މަޖިލީހަށް ހުށަޅައިގެން، ބިލުގެ ހުރިހާ މަރުހަލާއެއް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްގެންނެވެ.
މި ބިލުގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ މުޅި މަޖިލިސް ކޮމިޓީއަކަށް ބަދަލުކޮށް މަޖިލީހުގެ ތަޅުމުގައެވެ.
މަޖިލިސް ގަޥާއިދު ބުނާގޮތުން ބިލުގެ ކޮމިޓީ މަރުހަލާ ނިންމުމަށްފަހު ކޮމިޓީ ރިޕޯޓް މެންބަރުންނަށް ފޮނުވުމަށްފަހު ބިލު މަޖިލީހުގެ ތަޅުމަށް އަންނަން ތިންދުވަސް ދޭން ޖެހެއެވެ.
ނަމަވެސް މަޖިލީހުން މިއަދު މި ބިލު ފާސްކޮށްފައި ވަނީ، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ހިޔާލު ހޯއްދެވުމަށްފަހު އެ ތިން ދުވަހު މުއްދަތު ކުރުކޮށްލުމަށްފަހުގައެވެ.