ޚަބަރު

ޗައިނާއިން ރާއްޖެ އައި ދެ ދިވެހިން ކަރަންޓީންގެ މަރުހަލާ ފުރިހަމަކުރުމުން ދޫކޮށްލައިފި

އަލީ ޔާމިން

ޗައިނާއިން މިދިޔަ މަހު ރާއްޖެ އައި ދެ ދިވެހީން 14 ދުވަހަށް ކަރަންޓީން ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނީ އެމީހުން ކަރަންޓީން ކުރީ ކޮވިޑް 19ގެ އަލާމާތެއް ފެނިގެން ނޫން ކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޕްރޮޓޮކޯލަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ.

ކޮވިޑް 19އަށް ޓެސްޓުކުރި ތިން ފަރާތެއް މިއަދު ވަނީ އެ ވައިރަސްއަށް ނެގެޓިވް ވެފައެވެ.

ކޮވިޑް 19އަށް ރާއްޖެއިން މިހާތަނަށް ހަ މީހަކު ޕޮޒިޓިވްވެފައި ވާއިރު، އދ. ވިލަމެންދޫ އައިލެންޑް ރިސޯޓުގެ އިތުރުން ޅ. ކުރެއްދޫ އައިލެންޑް ރިސޯޓު އަދި އއ. ސޭންޑީސް ބަތަލާ ރިސޯޓުވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި ދާދި ދެންމެ ކުރަމަތި ރިސޯޓުން މީހަކު ކޮވިޑް19 ގެ އަލާމާތްތައް ފެނިފައިވާތީ އެކަހެރި ކުރުމަށްފަހު އެ ރިސޯޓުވެސް ވަގުތީ ގޮތުން ބަންދު ކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.