ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އައު ވިސާ އެގްރިމެންޓެއްގައި ސޮއިކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު ޝާހިދު އެކަން ހާމަކުރައްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓަކުންނެވެ. ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.
ޝާހިދު ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު އައު ވިސާ އެގްރިމެންޓެއްގައި ސޮއިކުރެއްވުމުން އިންޑިއާގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ބެލެނިވެރިންނާއި އެގައުމަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެއާއި އިންޑިއާގެ ގުޅުން އަންނަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވަމުންނެވެ. ރައީސް އަންނަ މަހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ވެގެންދާނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.