ޚަބަރު

ކައުންސިލް އިންތިހާބު ފަސްކޮށްދިނުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އަލީ ޔާމިން

ކޮވިޑް 19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ޓަކައި، އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްދިނުމަށް ރާއްޖޭގެ ކުރީގެ ރައީސް، އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

އިލެކްޝަން ކޮމިޝަން ޓެގް ކުރައްވައި ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް 19އިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް، ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް 19 އަށް ހަ މީހަކު ޕޮޒިޓިވް ވެފައެވެ.

ކޮވިޑް 19އާ ގުޅިގެން ސަރުކާރުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސް ކުރަން ޖެހިއްޖެނަމަ އެކަންވެސް ސަރުކާރުން ކުރާނެ ކަމަށެވެ. ނަމަވެސް އެއިރު މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބަލާއިރު އިންތިހާބުތައް ފަސްކުރަން ޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްއާރުއެމުން 16 ކެންޑިޑޭޓަކު ވާދަކުރެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން، ޕާޓީތަކުގެ ކެމްޕެއިން ޖަލްސާތަކާއި ދަތުރުތައް މި ވަގުތަށް ވަނީ މަޑުޖައްސާލައިފަ އެވެ.