އިބްރާހިމް ޒަކީ
ކައުންސިލް އިންތިހާބުގައި ވޯޓު ލާއިރު، ވޯޓު ކަރުދާސްކޮޅުގައި ބާތިލު ވާ ގޮތަކަށް ފާހަގަ ޖަހައިފިނަމަ، އެ ވޯޓު ކަރުދާހުގައި ހިމެނޭ އެހެން ކެންޑިޑޭޓުންގެ ވޯޓާއެކު މުޅި ވޯޓު ކަރުދާސް ބާތިލު ވާ ގޮތަށް ގާނޫނުގައި އޮތް ގޮތް ބަދަލުކޮށް، އެ ވޯޓު ކަރުދާހުގައި ހިމެނޭ ބާތިލު ވޯޓު އެކަނި ބާތިލު ވާ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިއަދުން މިއަދަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
އަންނަ އޭޕްރީލްމަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓު ކަރުދާސް ތައްޔާރު ކޮށްފައިވަނީ، އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ވާދަކުރާ ކެންޑިޑޭޓުން ހިމެނޭ ގޮތަށެވެ.
އެގޮތުން ރަށު ކައުންސިލްގެ ވޯޓު ކަރުދާހުގައި އަތޮޅު ކައުންސިލްގެ ރައީސް، ރަށު ކައުންސިލްގެ ރައީސް، ކައުންސިލަރުން، އަދި އަންހެނުންނަށް ހާއްސަ ގޮނޑީގެ ކައުންސިލަރުން ހިމެނޭއިރު، އެއިން އެއް ނަމެއްގެ ކައިރީގައި ގޯސްކޮށް ފާހަގަ ޖަހައި އެހެން ހުރިހާ ނަމެއްގައި ރަނގަޅަށް ފާހަގަ ޖެހި ނަމަވެސް ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ ހުރިހާ ބޭފުޅުންގެ ވޯޓާއެކު މުޅި ވޯޓު ކަރުދާސް ބާތިލު ވާނެއެވެ.
އޭގެ ބަދަލުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް މިއަދު ހުށަހެޅި އިސްލާހުގައި ވަނީ، މުޅި ވޯޓު ކަރުދާސް ބާތިލު ވުމުގެ ބަދަލުގައި އެ ވޯޓު ކަރުދާހުގައި ގޯސްކޮށް ޖަހާ ވޯޓު ބާތިލު ކޮށް ކަރުދާހުގައި ދެން ހުރި ސައްހަ ވޯޓު ބާތިލު ނުވާ ގޮތަށް ބަދަލު ކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ބިލު ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި އިސްލާހަކީ އިންތިހާބަށްވުރެ ކުރިން ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ކަމަށެވެ. އެހެންކަމުން މިއަދު 10:30 އާ ހަމައަށް މި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައި 11:00 ބިލު މަޖިލީހަށް ބަލައި ގަތުމަށް ވޯޓަށް އައްސަވަން މަޖިލިސް ރައީސް ވަނީ ނިންމަވައިފައެވެ.
އެއަށްފަހު މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލު ހުށަހަޅުއްވައި، 12:00 އަށް މުޅި މަޖިލީހުގައި ކޮމިޓީ ވަގުތު ކުރިއަށް ގެންދަވައި މިއަދު 1:30 ގައި ބިލް ފާސްކުރަން ވޯޓަށް އައްސަވަން ވިސްނަވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮންނަ ގޮތުން ކޮމިޓީން ބިލް ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ބިލް ހުށަހެޅުމުގެ ކުރިން ކޮމެޓީ ރިޕޯޓް މެންބަރުންނަށް ފޮނުވައި ތިން ދުވަހުގެ މުއްދަތެއް ދޭން ޖެހެއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ބިލް ފާސްކުރަން މިއަދު ވޯޓަށް އައްސަވާނީ އެ ތިން ދުވަހުގެ މުއްދަތު ދޫކޮށްލެއްވުމަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެއްބަސްވުމާއެކު ކަމަށެވެ.