ޚަބަރު

ކޮވިޑް 19އާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ޑަބްލިޔުއެޗްއޯ އިން ތައުރީފުކޮށްފި

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް 19 ރާއްޖެއިން ވެސް ފެނިފައިވާތީ އެ ބައްޔާ ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ތައުރީފު ކޮށްފިއެވެ.

ރާއްޖޭގެ ހާލަތައް ރިއާޔަތްކޮށް ޑަބްލިޔުއެޗްއޯ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ހެލްތު މިނިސްޓްރީއާއެކު އެ ޖަމިއްޔާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ބައްޔާ ގުޅިގެން ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ބައްޔަށް ސްކްރީން ކުރުމާއި ކޮންޓެކްޓް ޓްރޭސިން އާއި ޝައްކުކުރެވޭ މީހުންގެ ޓެސްޓުތައް ހެދުމުގައާއި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތް ގާތުން ބަލަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޑަބްލިޔުއެޗްއޯގެ ބަޔާނުގައި ބުނެފައިވަނީ، އެ ޖަމިއްޔާގެ އެހީތެރިކަމާއެކު އައިޖީއެމްއެޗްގެ ލެބޯޓަރީގައި ކޮވިޑް 19 އަށް ޓެސްޓުކުރެވޭނެ ޓެސްޓިން ކިޓެއް ގާއިމުކޮށް، ބައްޔަށް ޓެސްޓު ކުރާނެ ގޮތާއި ބަލި ދެނެގަންނާނެ ގޮތުގެ ތަމްރީން ލެބޯޓަރީ ސްޓާފުންނަށް ދީފައިވާ ކަމަށެވެ.

"މި ފުރުސަތުގައި ހެލްތު މިނިސްޓްރީނާއި ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުންނާއި ޕާޓްނަރިން އެޖެންސީންތަކާއި އެސޯސިއޭޝަންތަކުން ކުރަމުންދާ ގިނަ މަސައްކަތްތައް ފާހަގަކޮށް ތައުރީފު ކުރަން. ކޭސްތަކެއް ކަށަވަރުވުމާއެކު އަޅަންޖެހޭ ފިޔަވަޅުތަކާއި ރާވާފައިވާ ހަރަކާތްތައް ވަގުތުން އަމަލުކުރުމަކީ މުހިންމު ކަމެއް،" ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތުރު ވިދާޅުވެފައިވެއެވެ.

ޑަބްލިޔުއެޗްއޯގެ ބަޔާނުގައި އިތުރަށް ވަނީ، މި ހާލަތުގައި ރައްޔިތުން ހާސް ނުވުމަށާއި އަމިއްލަ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދެއްވުމަށް އެދިފައެވެ. އެގޮތުން ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި ކެއްސާ ނުވަތަ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް އުޅޮބޮށި ނުވަތަ ޓިޝޫއަކުން ނިވާ ކުރުމަށްފަހު، ވަގުތުން ޓިޝޫ އެއްލާލައި އަތް ދޮވުމަށް އެ ޖަމިއްޔާއިން އިލްތިމާސް ކުރެއެވެ.

އޭގެ އިތުރުން އާންމު ތަންތަނަށް ކުޅު ޖެހުމުން ދުރުވެ، ހުން އައިސް ނުވަތަ ކެއްސާނަމަ އެހެންމީހުންނާ ގާތްވުން މަދު ކުރުމަށާއި ހުން އައިސް ކެއްސާނަމަ އަދި ނޭވާލާން އުދަނގޫނަމަ ގޭގައި މަޑުކޮށް ސިއްހީ ފަރުވާ އަވަހަށް ހޯދަން އެދިފައިވެއެވެ.