ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމަށް ފެތުރި ރާއްޖެއިން ވެސް ފެނިފައިވާ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަކުދިން ގެއިން ބޭރަށް ނުގެންދިއުމަށް އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު އިލްތިމާސް ކުރައްވައިފިއެވެ.
ޑރ. ނިޔާފު އެގޮތަށް އިލްތިމާސް ކުރެއްވީ ޔެލޯ އެލާޓަށް ރާއްޖޭގެ ހާލަތު ނެރެފައިވަނިކޮށް އެކި ކަހަލަ ކުޅިވަރު ސެޝަން ތަކަށާއި ހޮލިޑޭ ކޭމްޕުތަކަށް އަދި ޓިއުޝަން ކުލާސްތަކަށް ފޮނުވުމަކީ ރައްކާތެރި ގޮތެއްތޯ މީހަކު ޓުވިޓަރުގައި އެހި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނިޔާފު ވިދާޅުވީ، މިހާލަތަކީ އޮރެންޖުގެ ހާލަތު ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ހާލަތަށް ދިއުމަށް މަޑުކޮށްގެން ތިބުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށާއި އެހެންކަމުން އެންމެ ރައްކާތެރި ގޮތަކީ ބެލެނިވެރިން ސަމާލުވެ ކުޑަކުދިން ގެއިން ބޭރަށް ނުގެންދިއުން ކަމަށެވެ.
"ކޮންމެ ފިޔަވަޅަކާއެކު ވައިރަސް ފަހާ ދުވުމަކީ ކަންބޮޑުވާ ކަމެއް. ވައިރަހުގެ ކުރިއަށް އަރައި، ވައިރަސް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ. ރަނގަޅީ މިހާރުން މިހާރަށް ފިޔަވަޅު އެޅުން. އެކަމުގައި ބެލެނިވެރިން އިސްނަގައި އަމަލު ކުރަން ޖެހޭ،" ޑރ. ނިޔާފު ވިދާޅުވިއެވެ.
ޑރ. ނިޔާފް އިތުރަށް ވިދާޅުވީ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅުން މުހިންމު ފިޔަވަޅެއް ކަމަށެވެ.
ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް 19 އިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ގިނަ ގިނައިން އަތް ދޮވުމެވެ. އަތްދޮވެ ސާފުކުރަން އަދި ޖަރާސީމާއި ވައިރަސް ނައްތައިލަން ސެނަޓައިޒާ ވެސް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް އެންމެ ރަނގަޅީ ސައިބޯނި ލައިގެން އަތް ދޮވުން ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.
އޭގެ އިތުރުން މަގުމައްޗާއި އާންމު ތަންތަނަށް ކުޅު ނުޖެހުމާއި ކެއްސައި ކިނބިހި އަޅާނަމަ ގޭގައި މަޑުކުރުމަށާއި ކެއްސައި ކިނބިހި އަޅާއިރު އަތުގެ ހުދުހަމަށް ނޭޅުން، ޓިޝޫއެއް ނެތް ނަމަ އުޅަބޮއްޓަށް އެޅުން، ލޮލާއި ނޭފަތް އަދި އަނގަ ހިމެނޭ ހިސާބުގައި އަތް ލުން މަދުކުރުން ވެސް ހިމެނެއެވެ.
ކޮރޯނާ ވައިރަހުގެ އަލާމާތެއް ފެންނަ ނަމަ ސިއްހީ ހިދުމަތްދޭ ތަނަކަށް ނުގޮސް، ސަރުކާރުން މި ކަމަށް ކަނޑައަޅާފައިވާ ހޮޓްލައިން 1676 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.