ޚަބަރު

"އެމްވީ ކްރައިސިސް" އިން ދައުލަތުގެ ސިއްރު މައުލޫމާތު ހާމަކުރަމުންދާކަމުގެ ތުހުމަތުގައި ޝުމްބާގެ ފޯނު އަތުލައިފި

1

ސޯޝަލް މީޑިއާ ޕުލެޓްފޯމެއް ކަމަށްވާ "އެމްވީ ކްރައިސިސް" މެދުވެރިކޮށް ދައުލަތުގެ ސިއްރު މައުލޫމާތު ހުއްދަ ނޫން ގޮތުގައި ހާމަކުރަން އެދުމުގެ ތުހުމަތުގައި އަހުމަދު އަޝްރަފު (ޝުމްބާ) ފުލުހަށް ހާޒިރުކޮށް އޭނާގެ ފޯނު އަތުލައިފިއެވެ.

ކުރިމިނަލް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނުތައް އަތުލާފައިވަނީ މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުން ނިންމައި އޭނާ ބޭރަށް ނުކުތް ވަގުތު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހުއެވެ.

ކޯޓުގައި އަމުރުގައި، އެމްވީ ކްރައިސިސް ހިންގާ މީހާ ކަމަށް ތުހުމަތު ކުރެވެނީ ޝުމްބާއަށެވެ.

އެގޮތުން އޭނާ ބޭނުންކުރާ މޯބައިލް ފޯނާއި އެ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކާއި މެމޮރީ ކާޑުތަކާއި އެތަކެތީގައިވާ ހުރިހާ މައުލޫމާތަކާއި އެތަކެތިން ކޮށްފައިވާ މައްސަލައާ ގުޅުންހުރި އެންމެހާ މައުލޫމާތުތައް ހޯދުމުގެ ބާރު ފުލުހުންނަށް ދީފައިވެއެވެ.

އެމްވީ ކްރައިސިސްގައި ކޮށްފައިވާ ޕޯސްޓްތަކުންނާއި އިންޓެލް ރިޕޯޓްތަކާ ހަވާލާދީ އެތަކެތި ފުލުހުން ހޯދީ އެމްވީ ކްރައިސިސް މެދުވެރިކޮށް ދައުލަތުގެ ސިއްރު މައުލޫމާތު ހުއްދަ ނޫން ގޮތުގައި ހާމަކުރަން އެދުމާއި ދައުލަތުގެ މަސައްކަތަށް ހުރަސް އަޅަން އަންނަކަމުގެ ތުހުމަތުގައެވެ.

އެ މައްސަލައިގައި މާދަމާ ހަވީރު 4:30 އަަށް ޝުމްބާ އަލުން ފުލުހަށް ހާޒިރުވާން ވަނީ އަންގައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟